
އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ ނީތު މިވަނީ އިންޑިއާގެ އެންމެ މުއްސަނދި، "އަމްބާނީ" އާއިލާއަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. މުކޭޝް އާއި ނީތާ އަމްބާނީ އާއެކު ރިޝީ އާއި ނީތޫ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ނީތޫ ބުނީ މިދިޔަ ދެ އަހަރު ކުރި ދަތުރަކީ ދިގު ދަތުރެއް ކަމަށާއި ބައެއް ދުވަސްތަކަކީ އުފާވެރި އަދި އަނެއް ބައި ދުވަސްތަކަކީ ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.
އެގޮތުން މި ދިގު ދަތުރު، އަމްބާނީ އާއިލާގެ އެހީ އާއި ލޯތްބާއި ނުލައި ފުރިހަމަ ނުވާނެ ކަމަށް ބުންޏެވެ.
ރިޝީއަށް ލޯތްބާއި އަޅާލުމާއި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވި ދުވަހު އެ އާއިލާގެ ފަރާތުން ލިބުނު އެހީ ފާހަގަކުރަމުން ނީތޫ ބުނީ ސިއްހީ ގޮތުން އޭނާއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ލިބޭތޯ އެ އާއިލާއިން ކަށަވަރުކުރަމުންދިޔަ ކަމަށެވެ. އަދި ދޭތެރެއަކުން ހޮސްޕިޓަލަށް ޒިޔާރާތްކޮށް ރިޝީގެ ހާލު ބަލަމުން އައި ކަމަށައި އޭނާއަށް ލޯތްބައި ސަމާލުކަން ދިނީ އާއިލާއިން ބިރުން ތިބި ވަގުތެއްގައިކަން ވެސް ފާހަގަކުރި އެވެ.
ނީތޫ ވަނީ ހަޔާތުގެ އެ ތަޖުރިބާގައި ބައިވެރިވި ކަމަށްޓަކައި އޭނާގެ އިތުރުން ދަރިފުޅު، ރަންބީރު ކަޕޫރާއި ރިދިމާ އަދި ކަޕޫރު އާއިލާގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.
އޭގެ އިތުރުން، ނީތު ވަނީ ރިޝީއަށް ފަރުވާދިނުމުގައި އުޅުނު ހޮސްޕިޓަލުގެ ސްޓާފުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން ރިޝީ ވަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.
އިންޑިއާގެ އެންމެ ފުރަތަމަ ފިލްމީ އާއިލާ އަށް އުފަން، ރިޝީ ކަޕޫރަކީ ކުޅަދާނަ އެކްޓަރު ރާޖް ކަޕޫރްގެ ދަރިއެކެވެ. އަދި ރިޝީގެ ކާފަ އަކީ 1950 ގެ އަހަރު ތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދާލި އެއް ތަރިއެވެ.