ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން އިހާނެތިކޮށް ހިތައި ތަފާތުކުރާތީ އާއި ވިސާގެ ކަންކަމުގައި ދަތިކުރާކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ވަނީ ވިދާޅުވެފައެވެ.
ލަންކާގެ 'ޑެއިލީ ނިއުސް'އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ ލަންކާއަށް ޒިޔާރާތްކުރާ ހަންގަނޑު ދޮން ބޭރު މީހުންނާއި ދިވެހިންނާ ދެމެދު އެ ގައުމުގެ އިމިގްރޭޝަނުން ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށެވެ.
ސަފީރު މަސްއޫދު އިމާދުގެ ވާހަކަތައް ގެނެސްދީފައިވާ ހަބަރެއް ޝެއާކުރައްވާ ފޭސްބުކްގައި އާޒިމާ ޝަކޫރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އުފެދޭ ހާރިޖީ މައްސަލަތައް އެ ގޮތަށް މީޑިއާގައި ހާމަކޮށް، އެވާހަކަ އެގޮތަށް ދެއްކުން އެއީ ގަބޫލުކުރެވޭކަމެއް ނޫންކަމަށެވެ.
އެގޮތުން މިއަށް ވުރެ ނާޒުކު ހާރިޖީ މައްސަލަތައް މީޑިއާއަށް ތިލަ ނުކޮށް ހައްލުކޮށްފައިވާކަން އާޒިމާ ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ހިންގި "އިންޑިއާ އައުޓް" ހަރަކާތްވެސް ގޯސްކަމަށް އާޒިމާ ވަނީ ސިފަކުރައްވާފައެވެ. އެގޮތުން އެކަމުގެ ސަބަބުން ކުރިމަތިވި ކަންކަން މަދު ނޫންކަން ފާހަގަކުރައްވާ އާޒިމާ ވަނީ ދެން އޮތް އެންމެ އަވަށްޓެރި ގައުމާ ދިމާކުރަން މީޑިއާތަކާއި ޕޯޑިއަމްތަކުގައި ނުފެށުމަށް އިލްތިމާސްކޮށްފައެވެ.
އާޒިމާ ވިދާޅުވީ ރާއްޖެއަކީ ހަމައެކަނި ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވުމަށް އޭނާވެސް ތާއީދު ނުކުރައްވާކަށެވެ. އެހެންނަމަވެސް ހާރިޖީ ގުޅުންތަކާ ގުޅޭ މިފަދަ ނާޒުކު ކަންކަން މީޑިއާތަކުގައާއި ސިޔާސީ ޕޯޑިއަމްތަކުގައި އާންމުކޮށް ހާމަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.