މިދިޔަ ޑިސެމްބަރު 29، ގައި ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އެނގިފައިވާގޮތުގައި އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ފޯމު ހުށަހެޅުއްވީ ޝިފާން އާއި އިކްރާމް އެކަންޏެވެ.
އަދާލަތު ޕާޓީއަށް އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމެޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށެވެ.
މިވަގުތު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުالله އެވެ. އަދާލަތަކީ އެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް މި ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރުގެ އޭޕްރީލް މަހު އިއުލާން ކުރައްވާފައިވީ ނަމަވެސް އޭނާގެ ނަމެއް ލިސްޓަކު ނެތެވެ.