އާސަންދައިން މިހެން ބުނެފައި މި ވަނީ ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުން އަންނަ ޕޯސްޓަކާއި ގުޅިގެން ނެވެ.
އެ ޕޯސްޓު ކޮށްފައިވަނީ މި ދިޔަ ނޮވެމްބަރުމަހު މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި 18 އަހަރުގެ މޫސާ މުޒްދާންގެ ބައްޕަ އަހްމަދު ޝަރީފް އެވެ.
އެ ޕޯސްޓުގައިވާ ގޮތުން މުޒްދާނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އޭނާގެ ފަރުވާއަށް ބޭރަށް ދާން އެންސްޕާ އާއި އާސަންދަ އިން ވެސް އެހީއެއް ނުލިބު ކަމުގައި އެވެ.
މިދިޔަ އަހަރު ނޮވެމްބަރުގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 18 އަހަރުގެ ޒުވާނާ ހޮސްޕިޓަލުގައި - ފޮޓޯ: އަހުމަދު ޝަރީފް (ބައްޕަ)
މިކަމާއި ގުޅިގެން އާސަންދަ ކުންފުނިން ބުނެފައި ވަނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރު ރެފަރެލްއާއި ފުރިހަމަ ލިޔުންތަކާއެކު ހުށައަޅައިފިނަމަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދައިގެ ދަށުން އެހީތެރިކަން ލިބޭނެ ކަމުގައި އެވެ.
ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވި 19 އަހަރުގެ ޒުވާނާ ވަނީ އެރޭ ނިޔާވެފަ އެވެ.
އެ ޕޯސްޓުގައި މުޒްދާންގެ ބައްޕަ ބުނެފައިވާ ގޮތުގައި އޭނާ އާންމުންގެ އެހީތެރިކަމަށް އެދެން ޖެހިފައިވަނީ ސަރުކާރުން އޭނާ އަށް އެހީތެރިކަމެއް ކޮށްނުދިނުމުން ކަމުގައި އެވެ.
މި އެކްސިޑެންޓުގައި މުޒްދާންގެ ލޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ.
ވާތުގެ ލޮލަށް ލިބުނު އަނިޔާގައި ފެނުން ގެއްލި، އިތުރު އޮޕަރޭޝަންތަކެއް ކުރަން ހުރުމުން އެއީ ރާއްޖެއިން ލިބޭ ފަރުވާ ނަމަވެސް އޭނާ ބޭނުން ވަނީ ރާއްޖެއިން ބޭރަށް ދިއުމަށް ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.