އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއެކު، އެކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
އީރާނުގައި މިހާރު ފެށިފައިވާ ހަމަ ނުޖެހުމަށް ތާއީދުކޮށް ނަޝީދު މިފަހުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ މުސްލިމުންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައުއިން އިރާނުގެ ސަރުކާރު ދިފާއު ކުރުމުގެ ބަދަލުގައި، މިވަގުތު ތިބެންވީ އިރާނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
އެ ޕޯސްޓަށް ރިޕްލައިކޮށް، ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުން ބުނީ، މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ޒަޔަނިސްޓު އިސްތިއުމާރީ ބާރުތަކުން އީރާނުގެ ސިޓީތަކަށާއި އާންމު ރައްޔިތުންނަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިން ކަމަށެވެ.
މީގެ އިތުރުން އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ރޭވުންތެރިކަމާ އެކު، މީހުން މެރުމުގެ ލާއިންސާނީ އަމަލުތައް ވެސް ވަނީ ހިންގާފައިވާ ކަމަށް އެ ގައުމުން ނަޝީދަށް ދިން ރައްދުގައި ބުންޏެވެ.
އީރާނުން ބުނި ގޮތުގައި، އެ ހަމަނުޖެހުންތަކުގައި މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުމަތީގަ އާއި މާރުކޭޓުތަކުގައި އުޅުނު އާންމު ރައްޔިތުންނަށް ވަނީ ހަމަލަދީފަ އެވެ. އަދި މެޓްރޯ ސްޓޭޝަންތަކަށާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ބުންޏެވެ.
އިރާނަށް މީގެކުރިން އަމާޒުކުރި ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވިއިރު ނަޝީދު އެއްޗެއް ވިދާޅުނުވީ ކީއްވެތޯ ވިދާޅުވެ ދިވެހިންގެ ތެރެއިން ވެސް ބައެއް މީހުން ނަޝީދުއާއި ވަނީ ސުވާލުކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އިރާނުގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގައި ހަމަނުޖެހުން ހިންގުމަށް އެމެރިކާ ސަރުކާރުގެ އަތެއް އެބައޮތެވެ.
މުޒާހަރާކުރާ މީހުންނަށް ހަމަލާދޭ ނަމަ، އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ފާޅުގައި ވަނީ ދީފަ އެވެ. އަދި އެމެރިކާއިން ހަމަލާދީފިނަމަ، ވަރުގަދަ ރައްދެއް ދޭން ތައްޔާރުކަމަށް އީރާންގެ ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
މުޒާހަރާތައް ފެތުރުން ކޮންޓްރޯލްކުރަން، އީރާންގެ ބޮޑު ސަރަހައްދަކުން މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް ވެސް ކަނޑާލައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީރާންގައި އިންޓަނެޓް ކަނޑާލާފައިވާތީ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ބުރޫ އަރާފަ އެވެ.
އަދި ޓްރަމްޕް ވަނީ ސްޓާލިންކް ސެޓެލައިޓް މެދުވެރިކޮށް އީރާނުގައި އިންޓަނެޓްގެ ހިދުމަތް އަލުން އިއާދަ ކުރުމާ ބެހޭ ގޮތުން އީލޮން މަސްކްއާ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.