ads
ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު ލިބުނު ފަރާތްތައް އެވޯޑާއެކު - ފޮޓޯ: ފޮރިން މިނިސްޓްރީ
ފ.އަތޮޅު ތައުލީމީ މަރުކަޒަށް ޔޫއޭއީގެ ޝަރަފުވެރި ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ލިބިއްޖެ
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި މިހާރު ކުރިއަށްދާ އަބޫދާބީ ސަސްޓެއިނެބިލިޓީ ވީކްގައި ފ. އަތޮޅު ތައުލީމީ މަރުކަޒަށް، ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.
Advertisement

ފ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް - ސައުތު އޭޝިއާ"ގެ އިނާމެވެ. 

ފ. އަތޮޅު ތައުލީމީ މަރުކަޒަށް އެ އިނާމު ލިބުނީ އެ ސްކޫލާއި އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ސާފު ހަކަތާއި ބޯފެން ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކޮށެވެ. އެ މަސައްކަތުގެ ސަބަބުން އަހަރަކު 1،200 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓުވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި ކާމިޔާބީ ލިބުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްގީގައި ޒުވާނުންގެ އީޖާދީ ވިސްނުން ހުރި މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

"މި ކާމިޔާބީން ދޭހަކޮށްދެނީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރާ މަސައްކަތާއި، ފެހި އަދި ތަހައްމަލު ކުރެވޭ މުސްތަގުބަލެއް ބިނާކުރުމުގައި ޒުވާނުންގެ އީޖާދީ މަސައްކަތްތަކުގެ މުހިންމުކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން، 2015 ވަނަ އަހަރު އައްޑޫ ހައި ސްކޫލަށް ވެސް ވަނީ މި އިނާމު ލިބިފަ އެވެ. އަދި އައްޑޫ ހިރާ ސްކޫލަށް ވެސް 2022 ވަނަ އަހަރު މި އިނާމު ލިބިފައިވެ އެވެ. 

ދެހާސް އަށްވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު ދެނީ ޔޫއޭއީގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އައްނަޙްޔާންގެ ނަންފުޅުގަ އެވެ. މި އެވޯޑު ދެނީ އީޖާދީގޮތެއްގައި މުޖުތަމައަށް ހެޔޮ ބަދަލުތައް ގެންނަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް