އެމްޑީޕީގެ މި ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސް އާއި މެމްބަރުން ހިމެނޭ ގޮތަށެވެ.
ފުރަތަމަ އިއުލާނުކުރި ގޮތަށް 8:00 ގައި ގިނަ ފޮށިތަކެއް ވަނީ ބަންދުކޮށްފަ އެވެ. ވޯޓު ގުނަން ފަށާނީ ބަންދުކުރާތާ 15 މިނެޓު ފަހުންނެވެ.
މި އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދަނީ، މާލޭގެ މޭޔަރުކަމަށް ޕާޓީން ނެރޭނެ މީހަކު ހޮވުމެވެ. އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން އަލީ އާޒިމާ އެކުގައި މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ އާދަމް އާޒިމްގެ ކެމްޕޭނުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.
މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ އެވެ.