އެމްޑީޕީގެ އެތެރޭގައި ފޯރިގަދަ ކެމްޕެއިނަކަށްފަހު މިއަދު ވަނީ ޕްރައިމެރީ ބާއްވާފައެވެ. ޕާޓީގައި އެންމެ ވާދަވެރިކަން އޮތީ އެމްޑީޕީން ވަކިވުމަށްފަހު އަލުން އެ ޕާޓީއާ ގުޅުނު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް ސާލިހްގެ ޕެކްޝަނާއި ދެމެދުއެވެ.
ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ކުރިން ޕާޓީ ދޫކޮށް ދިޔަ ބައެއް ބޭފުޅުން އެނބުރި ވަޑައިގަތީ އެކުގައި މަަސައްކަތްކުރަން ބޭނުންވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް، ޕާޓީއާއެކު ކުރިއަށް ދާން އެމަނިކުފާނު އެދި ވަޑައިގަތެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އެންމެ ފޯރި ގަދައީ މާލޭ މޭޔަރުކަމުގެ ޓިކެޓަށެވެ. އެ ޓިކެޓަށް ވާދަކުރަނީ މާލެ ސިޓީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެމްބަރު، އަލީ އާޒިމް އެވެ. އާދަމް އާޒިމް ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފެކްޝަނުންނެވެ. އަލީ އާޒިމް ވާދަކުރަނީ ރައީސް ނަޝީދުގެ ތާއީދާއެކުއެވެ.