ސަރުކާރުގެ ފްލެޓާއި ގޯތި ދޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފްލެޓަށް އެދުމަށް ހުޅުވާލާ ޕޯޓަލް އާއި ބެހޭ ގޮތުން ނޫސްވެރިންނައް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ވޭދުވެދިޔަ 8 އަހަރުތެރޭގައި ސަރުކާރަކުން ދިން ފްލެޓެއް އަދި ގޯއްޗެއްވެސް އެ ސަރުކާރެއް ނިމުމުގެ ކުރިން ދެވިގެންދާނެ ފުރަތަމަ ފަހަރު ކަމުގައި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނައް ދޭން ނިންމާފައިވަނީ މި ދައުރު ނިމުމުގެ ކުުރިން ނިމޭނެ ކަން ޔަގީންވާ ފްލެޓްތަކާއި ގޯތިތައް ކަމަށާއި ކުރިޔަށް ނުދާ އެއްވެސް މަޝްރޫއުއަކުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ދޭން ނިންމާފައި ނުވާ ކަމުގައި އެވެ.
މީގެ އިތުރުން ކުރިން ހިޔާ ފްލެޓް ލިބިފައިވާ ކަމުގެ ލިޔުން ލިބި ފްލެޓް ލިބިފައި ނުވާ ފަރާތް ތަކަށްވެސް ހާއްސަ ކެޓަގަރީއެއް މި ޕޯޓަލްގައި އިންނާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށައެޅެނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.
އެ ޕޯޓަލަށް ވަދެވޭނީ އީފާސް ބޭނުން ކޮށްގެންކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ފޯމް ހުށައަޅަން ޖެހޭ ސުންގަޑި
ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.
ފްލެޓުތައް ދިނުމުގައި ކަނޑައަޅާފައިވާ 15 ކެޓަގަރީތައް
1- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
2- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
3- ޒުވާނުންނަށް: 250 ފްލެޓު
4- ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
5- ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް: 200 ފްލެޓު
6- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް: 100 ފްލެޓު
7- މަސްވެރިންނަށް: 100 ފްލެޓު
8- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް: 50 ފްލެޓު
9- ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތަކަށް: 500 ފްލެޓު
10- ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަގީރު އާއިލާތަކަށް: 50 ފްލެޓު
11- ދިވެހި ފުލުހުންނަށް: 100 ފްލެޓު
12- އެމްއެންޑީއެފަށް: 100 ފްލެޓު
13- ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް: 200 ފްލެޓު
14- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް: 100 ފްލެޓު
15- ހާއްސަ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް: 400 ފްލެޓު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ