އިސްމާއިލް ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ޓިކެޓްގައިކަމަށް އެޕާޓީން މިދިޔަ މަހު އާޓިފިޝަލް ބީޗުގައި ބޭއްވި 'ރީސެޓް' ޖަލްސާގައި އިއުލާންކުރެއްވިއެވެ. އެއާއި އެކު އެތައް ބައެއްގެ ފާޑުކިޔުން ރާއިސް ޔާމީނާއި ޒަރިޔަންދަށް އަމާޒުވެސްވިއެވެ.
ޒަރިޔަންދު އޭނާގެ އަމިއްލަ އެކްސް އެކައުންޓްގައި ރޭ ވިދާޅުވީ އޭނާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ނުކުންނަވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. އަދި އޭނާ ވަނީ މޭޔަރުކަމަށް ވާދަކުރަން ފޯމު ހުށައަޅަން މީހުންގެ ތާއީދު ބޭނުންވާކަން އިއުލާންކުރައްވާ ތާއީދު ކުރާ ފަރާތްތަކުން އެކަން އެންގުމަށް އެދިފައެވެ.
ޕީއެންއެފްގެ އޮފިޝަލަކު ބުނީ ޒަރިޔަންދު އިންތިހާބަށް ނުކުންނަނީ އެޕާޓީގެ ޓިކެޓްގައި ނޫންކަމަށެވެ. އެހެންނަމަވެސް މި އިންތިހާބުގައި މޭޔަރުކަމަށް ރައީސް ޔާމީނާއި ޕާޓީން ތާއީދުކުރަން ނިންމާފައިވަނީ ޒަރިޔަންދަށްކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާނަމަ މަދުވެގެން 50 މީހުންގެ ސޮއި ހޯދަން ޖެހެއެވެ. ޕޯޓަލް މެދުވެރިކޮށް އެ ތާއީދު ލިބުމުން ނޫނީ ފޯމު ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ އޭޕްރިލްމަހުގެ 4 ވަނދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރުމަތިލުމުގެ ފުރުސަތު އަންނަމަހުގެ 1 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.