ލަވްރޯވް މިހެން ވިދާޅުވެފައި މިވަނީ، ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި ގްރީންލޭންޑް އެމެރިކާގެ ފުރިހަމަ ބާރުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، އެކަމާ ދެކޮޅު ހަދާ ޔޫރަޕްގެ ގައުމުތަކުގެ މުދަލުން ޓެކްސް ނަގާނެ ކަމަށް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ގްރީންލޭންޑްގެ މައްސަލައިގައި އެމެރިކާ އާއި ޔޫރަޕާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއަށް ވަދެވަޑައިގެން މޮސްކޯގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ލަވްރޯވް ވިދާޅުވީ، ގްރީންލޭންޑަކީ އަސްލު ޑެންމާކުގެ ބައެއް ނޫން ކަމަށާއި، އަދި ނޯވޭގެ ބައެއް ވެސް ނޫން ކަމަށެވެ.
ނަމަވެސް ގްރީންލޭންޑްގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ، އެތަން ހޯދުމުގެ ޝައުގުވެރިކަމެއް ރަޝިޔާގެ ނެތް ކަމަށް ލަވްރޯވް ވިދާޅުވިއެވެ. އަދި ރަޝިޔާއިން ގްރީންލޭންޑް ކޮންޓްރޯލް ކުރަން ނޫޅޭކަން ވޮޝިންޓަނަށް ވެސް އެނގޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގްރީންލޭންޑްގެ މައްސަލައިގައި އެމެރިކާއިން ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް އަޅަން ނިންމި ފިޔަވަޅުތަކަކީ ވިޔަފާރީގެ އެއްބަސްވުންތަކާ ހިލާފު ކަމެއް ކަމަށް ޔޫރަޕްގެ ގައުމުތަކުން ބުނެއެވެ. އަދި މިކަމަށް ރައްދު ދިނުމަށްޓަކައި ބްރަސެލްސްގައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް އީޔޫގެ ލީޑަރުން ވަނީ ނިންމާފައެވެ.