އެމްއެންޑީއެފުން ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 350 ދަރިވަރުން ބައިވެރިވާކަމަށެވެ. އެއީ 286 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ތަމްރީނުގެ ބައިވެރިން، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ ޅ.މާފިލާފުށީގައި ތިން މަސްދުވަހު ތަމްރީނު ފުރިހަމަކުރާނެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަހްލާގު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ވަރަށް ހާއްސަ ވަތަނީ މަޝްރޫއެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.