ads
ނޭޝަނަލް ސާވިސްގައި ބައިވެރިންތަކެއް ފުރުމަށް ތައްޔާރުވަނީ - ފޮޓޯ: އެމްއެންޑީއެފް
ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަށް ފަހި ކުރިމަގެއް ލިބޭނެ: ރައީސް
ދިވެހި ވަތަނީ ހިދުމަތުގެ ބައިވެރިންނަކީ ނަފްސާނީ އަދި ޖިސްމާނީގޮތުން ހަށިހެޔޮ ބަޔަކަށް ވެގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނީ ލ. މާފިލާފުށީގައި ތިން މަސް ދުވަހަށް ގެންދާ ތަމްރީނުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން އަދި 64 އަންހެނުން ބައިވެރިވާ ކަމަށެވެ. 

އެ ޕްރޮގްރާމްގެ މަގުސަދުގެ ތެރޭގައި ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ މީހެއް ބިނާކުރުމާއި އެއްބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަށަގަނެވުން ހިމެނެ އެވެ.

ވަތަނީ ހިދުމަތުގެ ދެ ވަނަ ބުރުގެ ބައިވެރިން މިއަދު ޅ. މާފިލާފުށްޓަށް ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިގައުމުގެ މުސްތަގުބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަގުސަދުގައި ސަރުކާރުން ފެށި ދިވެހި ވަތަނީހިދުމަތުގެ ދެ ވަނަ ބުރުގެ ބައިވެރިން ތަމްރީނަށް ފުރާފައިވާކަމަށެވެ. 

އެގޮތުން 350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ދެވަނަ ބުރު ބައިނަލްއަގުވާމީ ތައުލީމާބެހޭ ދުވަހުގައި ފެށިގެން ދިއުމަކީވެސް ހާއްސަ އުފަލެއްކަމަށް ރައީސް ވިދާޅުވި އެވެ. 

"ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ،" ރައީސް ލިޔުއްވާފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ނޭޝަނަލް ސާވިސްގެ ފުރަތަމަ ޓްރެއިނިން ހެދުމުން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަޝިޕް ސެޓްފިކެޓް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔަ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓާއި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ލެވެލް 3 ގެ ސެޓްފިކެޓް ދޭނެ ކަމަށެވެ.

އެ ޕްރޮގްރާމްގެ ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ދަސްވެނިވިފައިވެ އެވެ. އަދި އޭގެ ތެރެއިން 66 ބައިވެރިޔަކު މިހާތު އަންނަނީ ބ. ކިހާދޫގައި ފަންނީ ދާއިރާތަކުން ތަމްރީނުތަކެއް ހަދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް