މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އާ ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާ ކަމަށެވެ.
އެމްއެމްއޭއިން ބުނީ، އަލަށް ނެރޭ ނޫޓާއެކު މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ކުރީކޮޅުވެސް އެމްއެމްއޭއިން ވަނީ ސްޓޮކް މަދުވުމުގެ ސަބަބުން 100 ރުފިޔާގެ އައު ނޫޓުތަކެއް ޗާޕުކޮށްގެން ގެނެސްފަ އެވެ. އަދި އެ ނޫޓުތައް ޖަނަވަރީމަހުގެ ތެރޭގައި ބޭނުންކުރަން ފަށާފައި ވެއެވެ.
މިއީ އާއްމު އުސޫލުން މަރުކަޒީ ބޭންކުތަކުން ކުރާ ކަމެކެވެ. ބޭނުން ކުރާ ފައިސާގެ ނޫޓުތަކުގެ ސްޓޮކް މަދުވާ ހާލަތްތަކުގައި އާ ސްޓޮކް ޕްރިންޓް ކޮށްގެން ގެނެ އެވެ. ނަމަވެސް އެއީ މާކެޓަށް އިތުރަށް ޕްރިންޓްކޮށްގެން ފައިސާ ނެރުމެއް ނޫނެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރާ ފައިސާގެ ނޫޓުތަކަކީ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2016 ވަނަ އަހަރު ނެރުނު ނޫޓުތަކެކެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބާޒާރަށް ނެރުނު ދިވެހި ފައިސާ "ރަން ދިހަ ފަހެއް"ގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާ އެވެ.
މިއީ ވަރަށް ރަނގަޅު ސެކިއުރިޓީ ފީޗާސްތަކެއް ހިމެނޭ އަދި ވަރަށް ރީތި ނޫޓުތަކެކެވެ. އޭގެ ތެރެއިން ވެސް ފެހުރިއްސެއް ފެންނަ 1000 ގެ ނޫޓަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ.