ފުލުހުންގެ އެންޓީ ސްކޭމް ސެންޓަރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް ސްކޭމްތަކުގައި އޮޅުވާލައިގެން އެކި މީހުން އަތުން 1،76 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިގަނެފައެވެ. މީގެތެރެއިން 630،319.15 ރުފިޔާ އަނބުރާ ހޯދުނުކަމަށް ފުލުހުން ބުނެެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ސްކޭމްގެ 189 މައްސަލަ ހުށައެޅުނެވެ. އޭގެތެރެއިން 52 މައްސަލައެއްގައި ފޭރުނު ފައިސާ އެއްކޮށް ހޯދިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި 11 މައްސަލައެއްގައި ފައިސާއިން ބައެއް ހޯދުނުކަމަށްވެސް ފުލުހުން ބުނެއެވެ.
ސްކޭމް ކުރަން ބޭނުްކުރި ޕްލެޓް ފޯމުތައް
މިދިޔަ މަހު އެންމެ ގިނަ އީކޮމާސް ސްކޭމްގެ މައްސަލަތައްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އީކޮމާސް ސްކޭމްގެ 109 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން ޑޮލަރު މާރު ކުރުމުގެެ ނަމުގައި ހިންގި 36 ސްކޭމަކާއި އެހެން މީހަކަށް ހެދިގެން ފައިސާ ފޭރުނު 17 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.