އެމެރިކާގެ އޯހައިއޯ ސްޓޭޓް ޔުނިވާސިޓީން 700 އަށްވުރެ ގިނަ މައިންބަފައިން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، "ޕާފެކްޓް" ވާން މަސައްކަތްކުރާ މައިންބަފައިންނަށް "ޕޭރެންޓަލް ބާންއައުޓް" ނުވަތަ ވަރުބަލިވެ ގޮތް ހުސްވުމުގެ އިހުސާސް ކުރެވޭ މިންވަރު އިންތިހާއަށް ބޮޑެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ސީދާ ކުދިންގެ ސުލޫކަށް ކުރެއެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި، އޯހައިއޯ ސްޓޭޓް ކޮލެޖް އޮފް ނާސިންގެ ޗީފް ވެލްނަސް އޮފިސަރު، ޕްރޮފެސާ ބާނަޑެޓް މެލްނިކް ވިދާޅުވީ ކުދިންނަށް ބޭނުންވަނީ ފުރިހަމަ މައިންބަފައިން ނޫން ކަމަށެވެ.
ނަފްސާނީ އިލްމުވެރިން މިހާރު ބާރުއަޅަނީ "ގުޑް އިނަފް ޕޭރެންޓިން" ނުވަތަ ފުދޭވަރަކަށް ރަނގަޅަށް ކަންކަން ކުރުމުގެ އުސޫލަށެވެ. މީގެ މާނައަކީ މައިންބަފައިންގެ ފަރާތުން ކުދިކުދި ގޯސްތައް ހެދުމަކީ މައްސަލައެއް ނޫން ކަމަށް ގަބޫލުކުރުމެވެ.
މަޝްހޫރު ޗައިލްޑް ސައިކޮލޮޖިސްޓް ޑޮނަލްޑް ވިންކޮޓް ތައާރަފުކުރެއްވި މި ތިއަރީގައި ބުނާ ގޮތުން، މައިންބަފައިން ހުރިހާ ވަގުތަކު "ޕާފެކްޓް" ވެއްޖެނަމަ، ދަރިފުޅަށް ލިބޭ ގެއްލުން ބޮޑެވެ.
ސަބަބަކީ:
ދިރިއުޅުމުގައި ދިމާވާ މާޔޫސްކަމާއި ނާކާމިޔާބީއާ ކުރިމަތިލާން ކުއްޖާއަށް ނޭނގުން.
ކުއްޖާގެ ބޮލުގައި ވެސް "ޕާފެކްޓް" ވާން ޖެހޭނެ ކަމުގެ ނުތަނަވަސްކަން އުފެދުން.
ތަޖުރިބާކާރުންގެ ނަސޭހަތް: ދަރިފުޅަށް ބޭނުންވަނީ އުފާވެރި، ހަމަޖެހޭ މައިންބަފައިންނެވެ. ހުރިހާ ކަމެއް ފުރިހަމަ ނުވިޔަސް، ލޯބި ދީ، ކުއްޖާގެ އިހުސާސްތައް އަޑުއެހުމުން ފުދެއެވެ. ކުދިކުދި ގޯސްތައް ހެދުމަކީ އިންސާނީ ތަބީއަތްކަން ދަރިފުޅަށް ދަސްކޮށްދިނުމަކީ ވެސް ތަރުބިއްޔަތުގެ ބައެކެވެ.