ހުޅުމާލޭގައި އިއްޔެ ހަވީރު ފެށި މެރިން އެކްސްޕޯގައި އެމްޓީސީސީން ބޮޑު ކަންނެލި ޔޫނިއަންއާ އެކު ގާއިމްކުރި ޕާޓްނާޝިޕްގެ ދަށުން ތައާރަފްކުރި އޮފާގައި ޔަންމާ ސްޕެއާ ޕާޓްސްއިން 10 ޕަސެންޓުގެ ޑިސްކައުންޓު އަދި ކާސްޓްރަލްގެ ޕްރޮޑަކްޓުތަކުން 8 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
މި ޕްރޮޑަކްޓްތަކަށް ޑިސްކައުންޓު ލިބޭނީ، ޕްރޮޑަކްޓު ގަންނަ އިރު، ބޮޑު ކަންނެލި ޔޫނިއަންގެ މެމްބަޝިޕް ކާޑު ދައްކައިގެންނެވެ.
މިއީ އެމްޓީސީސީން އެފަދަ ޖަމިއްޔާއާއިއެކު އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ ފަހަރެވެ. އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ މަސްވެރިންނަށް އަތްފޯރާ ފަށުގައި އެކި ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން ކަމަށެވެ.
އެ އެއްބަސްވުމާއި ގުޅިގެން ބީކޭއެމްޔޫ އިން ބުނީ، އެމްޓީސީސީން އެ ޔޫނިއަންނާއެކު ޕާޓްނާޝިޕެއް ގާއިމްކޮށް ބީކޭއެމްޔޫގެ މެމްބަރުންގެ ދޯނިފަހަރުން ކުރާ ވިޔަފާރިއަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމަށް އެމްޓީސީސީ އާއި އެ ކުންފުނީގެ މެނޭޖްމެންޓް ޓީމަށް ބީކޭއެމްޔޫއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މެރިން ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވާ މެރިން އެކްސްޕޯ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ. މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.