ޔުނިވާސިޓީ އޮފް ސިޑްނީގެ ޗާލްސް ޕާކިންސް ސެންޓަރުން ހެދި ދިރާސާއެއްގައި، "ވިލްޕާ" ނުވަތަ ކުއްލިއަކަށް ހަށިގަނޑަށް ބާރުބޮޑުވާ ފަދަ ހަރަކާތްތަކުގެ ފައިދާ ވަނީ ދެނެގަނެފައެވެ. މަޝްހޫރު ސައިންސް ޖާނަލް "ނޭޗާ މެޑިސިން" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، ދުވާލަކު 3 ފަހަރު ނުވަތަ 4 ފަހަރު، އެންމެ މިނެޓެއްހާއިރު ވަންދެން ނޭވާ ކުރުވާ ވަރަށް ހަށިގަނޑަށް ބާރުލާފައި މަސައްކަތެއް ކުރުމުން، ޖިމަށް ދިއުމާ އެއްވަރުގެ ފައިދާއެއް ލިބެއެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު އިމަނުއެލް ސްޓަމަޓަކިސް ވިދާޅުވީ، މިއީ "އެކްސަސައިޒް ސްނެކިން" ނުވަތަ ލުއި ކާނާއެއް ކާލާހެން ކުޑަ ވަގުތުކޮޅަކަށް ކަސްރަތުކޮށްލުން ކަމަށެވެ.
ދިރާސާއިން ދެއްކި ގޮތުގައި މިގޮތަށް ދުވާލަކު އެކިފަހަރު މަތިން ޖުމްލަ 3 ނުވަތަ 4 މިނެޓު ހޭދަކުރާ މީހުންނަށް، އެއްވެސް ކަސްރަތެއް ނުކުރާ މީހުންނާ އަޅާބަލާއިރު ކެންސަރު ޖެހުމުގެ ފުރުސަތު 40 ޕަސަންޓު ކުޑަވެއެވެ. އަދި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމުގައިވެސް މިއީ ވަރަށް ކާމިޔާބު އުކުޅެކެވެ.
މާހިރުން ލަފާދެނީ، އޮފީހަށް ނުވަތަ ގެއަށް ދާއިރު ލިފްޓު ބޭނުންކުރުމުގެ ބަދަލުގައި ސިޑިން ބާރަށް އެރުމަށެވެ. ނުވަތަ ބާޒާރު ކޮތަޅު ހިފައިގެން ހިނގާއިރު ތަންކޮޅެއް ބާރަށް ހިނގާލުމަށެވެ. މިއީ ވަގުތު ނެތް މީހުންނަށް ބަރުދަން ލުއިކޮށް ފިޓްކޮށް ހުރުމަށް ކުރެވިދާނެ އެންމެ ފަސޭހަ ކަންތަކެވެ.