ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މިހެން ވިދާޅުވީ އޮމާންގެ މަސްކަޓްގައި ހުންނަވައިގެން އީރާނުގެ ރަސްމީ ޓީވީއަށް ދެއްވި ލައިވް އިންޓަވިއުއެއްގަ އެވެ. އަރަގްޗީ ވިދާޅުވި ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ފްރޭމްވޯކެއް އެކުލަވާލުމަށެވެ.
ހުކުރު ދުވަހުގެ މަޝްވަރާތަކުގެ މެދުވެރިޔަކީ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލްބުސައިދީއެވެ. އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ އަރަޣްޗީއެވެ. އެމެރިކާ ތަމްސީލު ކުރެއްވީ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅާލުމުގައި އެތައް ހާސް ބަޔަކު މެރި ކަމުގެ ތުހުމަތާ އެކު އެމެރިކާއިން އީރާނަށް ހަމަލާދޭނެ ކަމަށް ބުނުމުން ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވަނިކޮށެވެ.
އީރާނާއި އެމެރިކާއާ ދެމެދު 1980 ވަނަ އަހަރުން ފެށިގެން ރަސްމީ ހާރިޖީ ގުޅުމެއް ނެތެވެ. މިދިޔަ އަހަރު މަސްކަޓްގައި ބޭއްވި މަޝްވަރާތައް ހުއްޓުމަކަށް އައީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
މިއީ އީރާނަށް އިޒްރޭލާއި އެމެރިކާއިން މިދިޔަ އަހަރުގެ ޖޫން މަހު ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެމެރިކާ އާއި އީރާނުން ބޭއްވި ފުރަތަމަ މަޝްވަރާ އެވެ.