ރައްޔިތުންގެ މަޖިލީހުން ބުނީ، މި ޕޯޓަލްއަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް ތާއާރަފް ކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.
މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ، މި ޕޯޓަލް މެދުވެރިކޮށް، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ ވަގުތުން ބަލައިލެވޭނެ ކަމަށެވެ.
މި ނިޒާމުގެ ތެރެއިން ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރާނީ "އީ-ފާސް" މެދުވެރިކޮށް ކަމަށާއި، މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގައި މަޖިލިސް މެންބަރުންނަށް ބަރޯސާވުން ކުޑަވެ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ކަންބޮޑުވުންތައް ފާޅުކުރުމުގެ މަގު ހުޅުވިގެންދާނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.
މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް މަޖިލީހުން ބުންޏެވެ.