ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެދޭ ރާއްޖެ ހުށައެޅުމުގައި ބުނާ ރައްޔިތުންގެ ބާރަކީ ކޮބާ؟
ރައްޔިތުންނަށް ސީދާ ލިބޭ ވޯޓުލުމުގެ ބާރުގެ ތެރެއިން ވޯޓްލުމަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ލިބޭ "ފަޅި ސިކުންތުގެ" ބާރުވެރިކަމުގެ ބަދަލުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ ވަގުތަކު ވެސް ރައްޔިތުންގެ ބާރު ބޭނުން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައި ދިނުމަށް ހިންގާ "އެދޭ ރާއްޖެ" ހަރަކާތެއް އިއްޔެ ވަނީ އިފްތިތާހުކޮށްފައި އެވެ.
Advertisement

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ. 

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ. 

ގާނޫނުއަސާސީގެ މާއްދާ 4 އަކީ، ރައްޔިތުންގެ ބާރު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ. 

"ނަމަވެސް ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގައި ބުނި ނަމަވެސް އެ ބާރު ދެމި އޮވެގެން ފަސް އަހަރުން އެއް އަހަރު ބާއްވާ އިންތިހާބުގެ ބޭރުން ރައްޔިތުންނަށް ލިބޭ ކަމަށް ބުނާ ބާރުން ކުރެވޭނެ އަދި ކުރާ ކަމެއް ނެތެވެ. މަގާމާ ހަވާލުވެ ކިތަންމެ ބޮޑު ގޯހެއް ހަދައި ކިތަންމެ ބޮޑު ގެއްލުމެއް ދައުލަތައް ދިނަސް، މަޖިލިސް މެދުވެރިނުކޮށް، ރައްޔިތުންގެ ބާރު ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތެވެ. މަޖިލިސް މެދުވެރި ކުރަން ބަލާއިރު އެ މީހުން ތިބެނީ ބަޔަކަށް ފާރަވެރިވެ ޒިންމާދާރު ކުރެވޭނެ ހާލަތެއްގައެއް ނޫނެވެ. އެހެން ކަމުން ރައްޔިތުންގެ އަތްމަތީގައި ބާރުތައް ދެމި އޮންނާނެ ކަމަށް ގާނޫނު އަސާސީގައި މިހާރު ބުނާ ވާހަކަ އަކީ އަމަލީގޮތުން އަދި މާނަވީ ބޭނުމެއް ރައްޔިތުން ނަށް ހިފޭ ކަމަކަށް ނުވޭ،" އެދޭ ރާއްޖެ ކަރުދާހުގައި ވެއެވެ.

ގާނޫނު އަސާސީ އިސްލާހުކޮށް ހައްލު ހޯދުމަށް އެދޭ ރާއްޖެ އިން ގޮވާލާ ކަންކަމުގެ ތަފްސީލު ހިމެނޭހެން އެދޭ ރާއްޖެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަރުދާހު ގައި ބުނާ ގޮތުން ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ ދިވެހި ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގަ ކަމަށް ބުނި ނަމަވެސް، އިންތިހާބު ނިމި ރައްޔިތުންގެ ހާދިމުން ނުވަތަ މަންދޫބުން މަގާމު ތަކާ ހަވާލުވާ ހިސާބުން އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި އެމީހުން ރައްޔިތުންގެ މައްޗަށް "ވެރިކަން" ކުރަން ފަށަ އެވެ.

ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމުގައިވެފައި، އިންތިހާބު ކުރަނީ ރައްޔިތުންގެ ހާދިމުން ކަމުގައިވީ ނަމަވެސް، އިންތިހާބު ކުރި ހާދިމުން ރައްޔިތުންނަށް ޖަވާބުދާރީވާ ސިޔާސީ ސަގާފަތެއް ރާއްޖެއަކު މިއަދަކު ނެތެވެ. އަދި ޖަވާބުދާރީވާން އިންތިހާބުވާ މަންދޫބުން ދެކޮޅު ވެސް ހަދަ އެވެ. އެހެން ކަމުން، އިންތިހާބުވި ހާދިމުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވާން ލިބެނީ އިންތިހާބުތަކުގައި ލިބޭ ވޯޓުލުމުގެ ހައްގު މެދުވެރިކޮށް ލިބޭ ހަނި ފުރުސަތެއް ކަމަށް އެދޭ ރާއްޖެ ޓީމުން ދެކެ އެވެ.

  • ރައްޔިތުންގެ ބާރު އަލުން އަބުރާ ހޯދުމަށް "އެދޭ ރާއްޖެ" ކަރުދާހުގެ ހުށަހެޅުން:

އެއް އިންތިހާބާއި އަނެއް އިންތިހާބާއި ދެމެދުގައި ހިނގާ ކަންކަމުގައި ރައްޔިތުންގެ ބާރު ދެމިއޮންނަކަން ޔަގީން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުންނާއި ކޮމިޝަނަރު އޮޕް ޕޮލިސްގެ މަގާމުން ވަކި ކުރުމުގެ އެންމެ ފަހު ބަސް ބުނުމުގެ ގޮތުން ފެންނަ ނުފެންނަ ވޯޓް ނަގަން ޖެހޭގޮތަށް ކަނޑައަޅައި އަދި ދައުލަތާއި ސަރުކާރު ހިންގަން ތިބޭ ހާދިމުން ނިންމާ މުހިންމު ނިންމުންތަކާއި އަމަލުތަކަށް ރައްޔިތުންގެ ބަސް އިއްވޭނެ ގޮތްތަކެއް އޮންނާން އެދޭ ރާއްޖެ ކަރުދާހުން ހުށަހަޅަ އެވެ. އެ ގޮތުން:

  • ރައީސުލްޖުމްހޫރިއްޔާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، މަޖިލިސް މެމްބަރުން، މިނިވަން މުއައްސަސާ ތަކުގެ މެމްބަރުން، މޭޔަރުން، ކައުންސިލަރުން ފަދަ މަގާމު ތަކުގައި ތިބި ފަރާތްތަކުގެ ނަޒާހަތްތެރިކަމާ ޒިންމާ އަދާ ކުރާ ގޮތާމެދު ސުވާލު އުފެދޭ ހިނދު، ރައްޔިތުންގެ ފަރާތުން އެކަން ބެލުމަށް މަޖިލީހަށް ހުށަހެޅޭނެ މަގެއް އުފަން ކުރުން.
  • ރައްޔިތުންގެ ފަރާތުން (ވަކި އަދަދެއް ނުވަތަ އިންސައްތައެއްގެ ފުޅާ ބަހުސަކަށް ފަހު ކަނޑައަޅައި) ޕެޓިޝަނެއް ހުށަހަޅައިފިނަމަ އެކަމާމެދު މަޖިލީހުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ލާޒިމު ކުރުން.
  • ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ ފަރާތުން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށް، ގެންނަ އިސްލާހުތައް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  • ރައީސުލްޖުމްހޫރިއްޔާ، މަޖިލިސް، ސިޔާސީ ޕާޓީތައް، ދައުލަތުގެ ކުންފުނިތައް، މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުންތެރީން ޖަވާބުދާރީ ކުރުވަނި އުސޫލަކުން ވަކި މުއްދަތުތަކެއްގައި ރައްޔިތުންނަށް ޖަވާބުދާރީވުން.
  • ގާނޫނު އަސާސީ އިސްލާހު ކުރާންވާނީ އެ ހުށަހެޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން.
  • އިންތިހާބީ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ހަމައަކުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް އޮތުން
  • ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ދައުލަތް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ ފަރާތުން ބަސް އިއްވުމަށް މަގުފަހި ކުރުމުގެ ގޮތުން ޑިރެކްޓް ޑިމޮކްރަސީ ނުވަތަ ސީދާ ޑިމޮކްރަސީގެ އަސާސްތައް، ހިންގުމުގެ ނިޒާމަށް ތައާރަފް ކުރުން

"އެދޭ ރާއްޖެ" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ 2008 އިން ފެށިގެން ބޭއްވުނު އިންތިހާބު ތަކުން ހޮވިގެން އައި ސަރުކާރުތަކުން، ދިވެހި ދައުލަތް ހިންގަމުން އައި ގޮތާއި ބެހޭ ގޮތުން ވަރަށް ގިނަ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އެބައޮތް ކަމަށާއި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ސަވާދު އިތުރަށް ވިދާޅުވީ މާއްދާ 4 ގައި އެބުނާ މަސްދަރަކީ ރައްޔިތުން ކަމަށް ވާއިރު، އެ މަސްދަރުގައި ހިމެނޭ ބާރު ފަންކުޝަނަލް ވަނީ އިންތިހާބެއްގެ ތެރެއިން ކަން ސާފުވާ ކަމަށެވެ. އެހެން ކަމުން ހިންގުމުގެ މިހާރުގެ އޮނިގަނޑަށް ބަލާއިރު ޖުމުހޫރީ، ޑިމޮކްރެޓިކް، ރިޔާސީ ނިޒާމެއްގައި ޖެނެރަލް އިލެކްޝަނަކުން އުފަންވާ ސަރުކާރަކާއި މަޖިލީހަކާއި ދައުލަތުގެ މި ދެ ގުނަވަނުގެ ތެރޭގައި ރައްޔިތުންގެ ކިހާ ބޮޑު ތަމްސީލެއް ހަގީގަތުގައި އޮވޭ ތޯ މީ މިއަދު އުފަންދަން ޖެހިފަ އޮތް އިތުރު ސުވާލެއް ކަމަށެވެ. 

"ހަގީގަތުގައި މި އެކުލަވާލާފައިން އޮނިގަނޑު އެކޮޅު ކޮޅުން މިޖެހެނީ. އޮނިގަނޑުގެ އެންމެ މަތީގައި އަސްލު ތިބެންޖެހޭ ބަޔަކީ ރައްޔިތުން. އެކަމަކު ސިޔާސީ ކުލާހުގެ ހަރުގަނޑަށް އެރުމަށް ޓަކައި ބޭނުން ކުރާ އަސައަކަށް ރައްޔިތުން މިވަނީ. މިއަދުގެ ސިޔާސީ މާހައުލުން ސާފުކޮށް އެބަ ފެނޭ މި މައްސަލަ،" ސަވާދު ވިދާޅުވި އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރިކުރުމަށް ގާނޫނުއަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް އެދޭ ރާއްޖެ އިން ހުށަހަޅާ ހައްލު ތަކަށް ގާނޫނީ ފަރުވާ އެއް ގެނެވިއްޖެ ނަމަ ނިކުންނާނެ ނަތީޖާއެއްގެ ގޮތުގައި އެދޭ ރާއްޖެ ކަރުދާހުގައި އޮތީ ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ ނިޒާމަށް ތައާރަފްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ގާނޫނީ ގޮތުން އުފަންކޮށްފަ އޮތުމެވެ. 

ރައްޔިތުންގެ ތެރެއިން އެކަށޭނަ އިންސައްތައެއް ދައުލަތުގެ މަގާމު ތަކުގައި ތިބި ހިދުމަތްތެރީންގެ ނަޒާހަތްތެރިކަމާ ނުވަތަ ޒިންމާ އަދާ ކުރާގޮތާ މެދު ސުވާލު އުފައްދައިފި ހިނދެއްގައި ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ޖެހޭ ގޮތަށް ނިޒާމް ބައްޓަންކޮށް، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ގެނައުމުން، ހިންގުމުގެ ނިޒާމުގެ އެކި ހަރުފަތްތަކުގައި ރައްޔިތުންގެ ބާރު އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށް އެދޭ ރާއްޖެ ޓީމުން ދެކެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މިހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއް އުފަންވެ ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅުމެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް