މިއީ، މަރުގެ ތުންފަތް މަތީގައި އޮވެގެން މީހަކު ބުނި ބުނުން ނުވަތަ ޑައިން ޑިކްލަރޭޝަން ރާއްޖޭގައި ހެއްކެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މައްސަލާގައި، ފުލުހުން އަމަލުކުރި ގޮތާއި އެ ބަސް ކޯޓުން ގަބޫލުކުރި ގޮތާ މެދު ސުޕްރީމް ކޯޓުގައި އުފެއްދި ސުވާލެކެވެ. އެއީ، 2011 ވަނަ އަހަރު މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލި މައްސަލައިގައެވެ.
މިއީ، މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅުނު ސަރަހައްދުގައި 2011، އޭޕްރީލް ގައި، ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާ މެރުމަށް ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފެވެ. ޝަހުމް މެރުމަށް، ހައިކޯޓުން 2021 ވަނަ އަހަރު ހުކުމްކުރީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.
އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޝަހުމްގެ ފަރާތުން ފާހަގަކުރި އެއް މައްސަލައަކީ އަހުސަން މަރުވުމުގެ ވަގުތުކޮޅެއް ކުރިން ހޮސްޕިޓަލްގައި އޮތްއިރު، ހަމަލާދިނީ ޝަހުމް ކަމަށް ބުނި ބުނުން (ޑައިން ޑިކްލަރޭޝަން) ހައި ކޯޓުން ބަލައިގެންފައި އޮތުމެވެ.
ޝަހުމްގެ ވަކީލް ވިދާޅުވީ ހަމަލާދިނީ ޝަހުމް ކަމަށް ބުނެ އަހުސަން ޑައިން ޑިކްލަރޭޝަނެއް ދިން ކަމަށް ބުނެ ހެކިބަސް ދިނީ މުޅިން ވެސް ފުލުހުން ކަމަށާއި އަދި ފަރުވާ ދިނުމުގައި ބައިވެރިވި ޑޮކްޓަރެއް ނުވަތަ ނަރުހުންގެ ހެކިބަހެއްގައި އެކަމުގައި ލިބިފައި ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އަހުސަންގެ ޑައިން ޑިކްލަރޭޝަން ތިން ފަހަރެއްގެ މަތިން ފުލުހުންނަށް ދިންއިރު ވެސް، އެއްވެސް މިންވަރަކަށް ފުލުހުން އޭނާގެ ބަސް ވީޑިއޯ ނުވަތަ އޯޑިއޯ ރެކޯޑް ކޮށްފައިނުވާކަން ވަކީލް ފާހަގަކުރެއްވި އެވެ.
އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު ބައެއް ކަންކަން ސާފު ކުރުމަށާއި އަދި ދެ ފަރާތުން އިތުރަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.