ގެޒާނީގެ ނަމުން ނަން ދީފައިވާ ކެޓަގަރީ ހަތަރެއްގެ ތޫފާން މަޑަގަސްކަރައިގެ އިރުމައްޗަށް އަރާނެކަމަށް ލަފާކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ތޫފާނުގެ ކަންކަމަށް ހާއްސަކޮށް ހަދާފައިވާ މަރުކަޒެއްގައި ހުންނަވާ ނަޝީދު މިއަދު ވަނީ އެކްސްގައި ފޮޓޯއެއް ހިއްސާކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ މަޑަގަސްކަރައަށް ކެޓަގަރީ 4 ގެ ބާރުގަދަ ތޫފާނެއް އަރަމުންދާއިރު، އެ ގައުމުގެ ހާލަތު ފެންނަނީ ވަރަށް ނުރައްކާތެރިކޮށްކަމަށެވެ. މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނާޒުކު ހާލަތު އިންސާނުންނަށް ތަޖުރިބާކުރަން ޖެހިފައިވާ މިންވަރު ހާމަކޮށްދޭ ދިހުރި މިސާލެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އިންޒާރުގެ ރަނގަބީލުތަކާއި، މެސެޖުތަކުގެ ޒަރީއާއިން ދެވޭ އެލާޓްތަކުގެ އިތުރުން، މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރަމުންކަމަށާއި އިންސާނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު، މިފަދަ ބިރުވެރި ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުން ދައްކުވައިދެނީ ނުގުޑާފަދަ ކެތްތެރިކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާއެއްކަމަށް ނަޝީދު ވިދާޅުވިއެވެ. މި ނަމޫނާއާ އެއްވަރުގެ އެހީތެރިކަމެއް ބައިނަލްއަގުވާމީ މުޖުތަމައުން އެ ގައުމަށް ފޯރުކޮށްދޭންޖެހޭކަންވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.