ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، އެކަކު ވާހަކަދައްކަމުންދާއިރު އަނެކަކު ފޯނަށް ބެލުމަކީ ގުޅުން ހީނަރުވެ، ވަކިވުމަށް ނުވަތަ ބްރޭކްއަޕްވުމަށް މެދުވެރިވާ މައިގަނޑު ސަބަބެކެވެ. މިއީ ސަމާލުކަން ނުދޭކަން ދޭހަވާ އަމަލެއް ކަމަށް ނަފްސާނީ މާހިރުން ބުނެއެވެ.
ތުރުކީގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއެއްގައި ބުނާގޮތުން، ފޯނަށް މާ ބޮޑަށް ސަމާލުކަން ދިނުމުން ބައިވެރިޔާއަށް އިހުސާސްކުރެވެނީ އޭނާއަށްވުރެ ފޯނު މުހިންމު ކަމަށެވެ. މީގެ ސަބަބުން ދެމީހުންގެ މެދުގައި އޮންނަ ގާތްކަން ކުޑަވެ، ޒުވާބުކުރުން އިތުރުވެއެވެ. ސްމާޓްފޯނަށް ލިބޭ ނޮޓިފިކޭޝަންތަކަށް ވަގުތުން ޖަވާބުދިނުމުގެ އާދަ ހިފިފައިވުމަކީ، ކުރިމަތީގައި އިންނަ މީހާއާ އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މިކަން ހައްލުކުރުމަށްޓަކައި މާހިރުން ލަފާދެނީ "ފޯނު ނުގެންގުޅޭ ވަގުތުތަކެއް" ކަނޑައެޅުމަށެވެ. މިސާލަކަށް ކާ ވަގުތު ނުވަތަ ނިދުމުގެ ކުރިން ފޯނު ދުރުގައި ބޭއްވުމަކީ ގުޅުން ބަދަހިކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، ބައިވެރިޔާ ވާހަކަދައްކާއިރު ފޯނު ބޭއްވުމަށްފަހު، ލޮލަށް ބަލައިގެން ވާހަކަދެއްކުމަކީ ލޯބި ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.