މިއީ އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތަށް ތައާރަފުކުރި ދެ ފެސިލިޓީ އެވެ.
މީގެ މަގުސަދަކީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ގޮތަކަށް މާލީ ހައްލެއް ހޯދައި ދިނުމެވެ. މިއީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަލަށް ފެށުމަށާއި، ތަރައްގީ ކުރުމަށާއި އަދި ޒަމާނީ ކުރުމަށް ފަރުމާކޮށްފައިވާ ފެސިލިޓީތަކެކެވެ.
މި ފެސިލިޓީތަކާގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިން މެދުވެރިކޮށް، އެ ބޭންކުން މި މަގުފަހިކޮށްދެނީ އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީކޮށް އަތޮޅުތެރޭގެ އިގްތިސާދު ކުރިއެރުވުމުގެ ފުރުސަތުކަމަށެވެ. މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން އެހީތެރިވެދޭނެކަމަށެވެ.
ގެސްޓްހައުސް ފައިނޭންސިން އަކީ މަދުވެގެން ހަ ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތް ކުރުމަށާއި، މިހާރު ވެސް ހިނގަމުން އަންނަ ގެސްޓްހައުސް ތަރައްގީ ކުރުމަށާއި، ކޮޓަރި އިތު ރުކުރުމަށާއި، އިތުރު ސަޕޯޓް ސަރވިސްތައް ޤާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ފެސިލިޓީއެކެވެ.
މި ފެސިލިޓީގެ ދަށުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް މިހާތަނަށް ދޫކުރަމުން ގެންދިޔަ ފައިނޭންސިން ލިމިޓް 10،000،000ރ. އަށް އިތުރުކޮށްފައިވެ އެވެ.
މި ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން 20 ޕަސެންޓް އަމިއްލަ އަށް އަތުން ހަމަޖައްސަން ޖެހެ އެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ދޮޅު އަހަރު ހިމެނެ އެވެ.
ގެސްޓް ރޫމް ފައިނޭންސިން އަކީ ގިނަވެގެން 5 ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް، ޓުޫސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން މިހާރުވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފެސިލިޓީއެކެވެ.
މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1،500،000ރ. އާ ހަމައަށް ފައިނޭންސިން ލިބޭނެ އެވެ.
މި ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން ވެސް މަދުވެގެން 20 ޕަސެންޓް އަމިއްލަ އަށް ހަމަޖައްސަން ޖެހެ އެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް އަދި ގްރޭސް ޕީރިއަޑަކީ 12 މަހެވެ.
މި ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށްކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެ އެވެ.