ކުރިން މަރަދޫފޭދޫ ސްކޫލް ހިންގި އިމާރާތުގައި ގާއިމުރި ކެމްޕަސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.
މަރަދޫފޭދޫގައި ޤާއިމުކުރާ ދާއިމީ ކެމްޕަހުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ވައިސް ޗާންސެލާ އަލްއުސްތާޒް އަހުމަދު އަމީން މުހަޙައްމަދު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު ކްލާސްރޫމްތަކާއި، ލައިބްރަރީ، ސެމިނާ ހޯލް، އަދި ދަރިވަރުންގެ ދަނާލެއްގެ އިތުރުން ސްޓާފް އެކޮމޮޑޭޝަންވެސް ގާއިމުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ކުރީގެ މަރަދޫފޭދޫ ސްކޫލްގެ ހޯލް މަރާމާތުކޮށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
އައިޔޫއެމްގެ މަރަދޫފޭދޫ ކެމްޕަހުގެ ކިޔެވުން ފެށީ މާސްޓަރސް ޑިގްރީގެ ކޯހެއް ހިމެނޭހެން ޖުމްލަ ހަތަރު ކޯހަކާއެކުގަ އެވެ. ކުރިއަށް އޮތް ހަފުތާއާ ހަމައަށް ލޭޓް އެޕްލިކޭޝަން ހުޅުވާލާފައިވާތީ، މި ސެމިސްޓަރގައި އިތުރު ކޯސްތައް ފެށުމުގެ ފުރުޞަތު އޮތް ކަމަށް އައިޔޫއެމުން ބުންޏެވެ.
އައްޑޫ ހިތަދޫގައި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ކެމްޕަހެއް ވެސް ހިންގަ އެވެ.