އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، މިއަދު ފާހަގަކުރާ ޗައިނާގެ އާ އަހަރުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާއި ޗައިނާގެ ރައްޔިތުންނަށް ފޮނުއްވާފަ އެވެ.
މިގޮތުން، އެ ގައުމުގެ އަޒުމާއި ކާމިޔާބީން ރަމްޒުކޮށްދެނީ މިދިޔަ އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި ޗައިނާގެ ރައްޔިތުންނަށް ފާގަތި، އުޖާލާ ދުވަސްތަކަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާގެ އާ އަހަރު ފާހާގަ ކުރަނީ ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށެވެ. ކޮންމެ އަހަރަކަށްވެސް އެ ޤައުމުގެ ސަޤާފަތާއި އެއްގޮތަށް ވަކި ހާއްސަ ނަމެއް ދެއެވެ.
ޗައިނާއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ދިވެހި ރާއްޖެއާއެކު ޤައުމަކުން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާއާއެކުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ޒިޔާރަތުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފަ އެވެ. މިއާއެކު ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އަކަށް ބަދަލުވެފަ އެވެ.