އެމްއެމްއޭއިން މިއަދު ބުނީ މިއީ، އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރުނު އައު ބެޗެއްކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިމަހުގެ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިމަހުގެ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ.
އެމްއެމްއޭ އިތުރަށް ބުނީ، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެކަމަށެވެ. އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެ އޮތޯރިޓީން ވަނީ ދީފަ އެވެ.
އެމްއެމްއޭއިން މީގެ ކުރިން ވަނީ، ފައިސާގެ އާ ސްޓޮކް ގެނައުމަކީ އިގުތިސާދުގެ ތެރެއަށް އިތުރަށް ފައިސާ ނެރުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ބޭނުންކުރަމުންދާ ފައިސާގެ ސްޓޮކް ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފަ އެވެ.