މީގެ ކުރިން ބޭނުންކުރަމުން އައި ޕްލާސްޓިކް ފުޅިތަކުގައި ފެން ބޭނުންކުރުން ހުއްޓާލުމަށްފަހު، ބައެއް ރެސްޓޯރަންޓުތަކުން ހޭންޑީ ވޯޓާއަށް، ނުވަތަ ފިލްޓަރު ފެނަށް ބަދަލުކޮށްގެން ހިދުމަތްދޭތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
ރާއްޖޭގައި ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ އެމްއެފްޑީއޭއިން މިއަދު ބުނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ 330 މިލިލީޓަރާއި ބައި ލީޓަރާއި އެއް ލީޓަރުގެ ފެން ބިއްލޫރި ފުޅިތަކުން ފެނިގެން ނުވާނެ ޖަރާސީމުތައް ފެނިފައިވާ ކަމަށެވެ.
އެ ފެނުގެ ތަހުލީލު ނަތީޖާ ދައްކާގޮތުން، އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ފެނެއްނޫން ކަމަށް، އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންވެ، އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހޭންޑީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ކުންފުނިން ވިއްކަނީ "ޕްރިމިއަމް ޑްރިންކިން ވޯޓާ" އެވެ. ތިން ސައިޒެއްގެ ބިއްލޫރި ފުޅީގެ އިތުރުން އެ ކުންފުނިން ދެން އުފައްދަނީ ފަސް ލީޓަރުގެ ޕްލާސްޓިކް ފެން ފުޅި އާއި 18.9 ލީޓަރުގެ ބޮޑު ފެން ފުޅި އެވެ.