ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި މައި ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރީ ރެޖިސްޓްރީވާން ދިން މުއްދަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފައެވެ. އެހާތަނަށް 26454 މީހަކު ރަޖިސްޓްރީވެފައިވާކަމަށް އީސީން ބުނެއެވެ.
ރީ ރެޖިސްޓްރޭޝަނަށް އައި ބަދަލާއި އެކު ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ މިހާރު ރާއްޖެއިން ބޭރުގައި އެއްވެސް ވޯޓު ފޮއްޓެއް ނުބަހައްޓާނެކަމަށް އީސީން ބުނެއެވެ. އަދި 21 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ބުނެއެވެ.
ކުރިން އިލެކްޝަނުން އާއްމުކުރި ވޯޓް ފޮށީގެ މައުލޫމާތުގައިވާ ގޮތުން ރާއްޖެއިން ބޭރު ދެ ގައުމެއްގައި ވޯޓް ފޮށި ބަހައްޓަން އޮތީ ނިންމާފައެވެ.
އޭރު އީސީން ބުނީ ކައުންސިލް އިންތިހާބު ގައި ޖުމްލަ 621 ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާކަމަށެވެ. އެގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ބުނެއެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ބުނެއެވެ. ސީޔާސީ ޕާޓީތަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީއިންނެވެ.
ލޯކަލް ކައުނސިލް އިންތިހާބުގައި ވާދަކުރާ ޕާޓީތަކާއި ކެންޑިޑޭޓުންގެ އަދަދު
އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި 5 ސިޔާސީ ޕާޓީއަކުން 1116 މީހުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަނީ 267 ކެންޑިޑޭޓުން ނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;