މި މަހުގެ 24 ވަނަ ދުވަހު އޭނާގެ 63 ވަނަ އުފަންދުވަހާ ދިމާކޮށް ފެތުރުނު މި ވާހަކަތަކުގައި ބުނެފައިވަނީ، ކުއްލި ގޮތަކަށް މުމްބާއީގެ ކޮކިލާބެން ދީރޫބާއީ އަމްބާނީ ހޮސްޕިޓަލަށް އޭނާ ގެންދިޔަ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އާއިލާއިން ވަނީ ޔަގީންކޮށްދީފަ އެވެ.
މިކަމާ ގުޅިގެން ބަންސާލީ ޕްރޮޑަކްޝަންސްގެ ރަސްމީ އެކައުންޓުތަކުން ނެރުނު ބަޔާނެއްގައި ބުނީ، ސަންޖޭގެ ހާލު ވަރަށް ރަނގަޅު ކަމަށާއި އޭނާ ހޮސްޕިޓަލަށް ދިޔައީ އާންމުކޮށް ހަދާ މެޑިކަލް ޗެކަޕަކަށް ކަމަށެވެ.
މިއީ ކުއްލި ހާލަތެއްގައި ދިޔަ ދިއުމެއް ނޫން ކަމަށާއި، އޭނާއަށް ހާޓް އެޓޭކެއް ނުޖެހޭ ކަމަށް ވެސް އެ ޓީމުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
މި ދޮގު ހަބަރުތައް ފެތުރިފައިވަނީ ސޯޝަލް މީޑިއާގައި އެއްވެސް އަސްލެއް ނެތް ޕޯސްޓުތަކެއްގެ ސަބަބުންނެވެ. ބަންސާލީ މިވަގުތު އަންނަނީ އޭނާގެ އެންމެ އާ ފިލްމު ކަމަށްވާ "ލަވް އެންޑް ވޯ" ގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ މަސައްކަތުގައި ބަންސާލީ ވަރަށް ބުރަކޮށް އުޅެމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
"ދޭވްދާސް" އާއި "ޕަދްމާވަތު" އަދި ފަހުން ނެރުނު "ހީރާމަންޑީ" ފަދަ ކާމިޔާބު އުފެއްދުންތައް ގެނެސްދީފައިވާ ބަންސާލީގެ ސިއްހަތާ މެދު ސަޕޯޓަރުން ކުރި ކަންބޮޑުވުންތަކަށް މިހާރު ވަނީ ނިމުން އައިސްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;