ފުރަތަމަ މި ފިލްމުގެ ބަޖެޓަކީ 350 ކްރޯޑު ކަމަށް ކަނޑައެޅި ނަމަވެސް، ފިލްމުގެ ޝޫޓިން ދިގުލައިގެން ދިއުމުގެ ސަބަބުން ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކުރިން 120 ދުވަހުން ނިންމަން އަމާޒުހިފި މި ފިލްމުގެ ޝޫޓިންގައި މިހާތަނަށް 175 ދުވަސް ހޭދަވެފައިވާއިރު، ބާކީ ހުރި މަންޒަރުތައް ނެގުމަށް އިތުރު 50 ދުވަސް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝޫޓިން ދިގުލައިގެން ގޮސްފައިވަނީ ފިލްމުގައި ހިމެނޭ ހަނގުރާމައިގެ ބޮޑެތި މަންޒަރުތަކާއި ލަވަތައް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ބަންސާލީ ކުރާ މަސައްކަތުގެ ސަބަބުންނެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ވަނީ ފިލްމު ކުޅުމަށް އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ނުނެގުމަށް ނިންމާފައެވެ. އޭގެ ބަދަލުގައި އެ ތަރިން އެއްބަސްވެފައިވަނީ ފިލްމު ރިލީޒްކޮށްގެން ލިބޭ ފައިދާއިން ބައެއް ނެގުމަށެވެ. މިއީ ފިލްމުގެ އުފެއްދުންތެރިންނަށް މާލީ ގޮތުން ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
ފިލްމުގެ ބަޖެޓު ބޮޑުވި ނަމަވެސް، ތިއޭޓަރުތަކުގައި އެޅުވުމުގެ ކުރިން ޑިޖިޓަލް، މިއުޒިކް އަދި ސެޓެލައިޓް ރައިޓްސް ވިއްކާލައިގެން 200 ކްރޯޑަށް ވުރެ ގިނަ ރުޕީސް މިހާރު ވެސް ވަނީ ހޯދާފައެވެ. ލޯބީގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމު އެންމެ ފުރަތަމަ މިއަހަރު ނެރުމަށް ތާވަލުކުރި ނަމަވެސް، ޝޫޓިން ދިގުލައިގެން ދިއުމާ ގުޅިގެން ފިލްމު ރިލީޒްކުރާނެ ތާރީހެއް ވަނީ ފަސްކޮށްފައެވެ. ބަންސާލީގެ ފިލްމުތަކަކީ އަބަދުވެސް ވަރަށް ފުރިހަމަ ސެޓުތަކަކާއި ރީތި މަންޒަރުތަކެއް އެކުލެވޭ ފިލްމުތަކަކަށް ވުމުން، "ލަވް އެންޑް ވޯ" އަށް ވެސް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;