"ފަހު ފަހަރަށް މިބުނަނީ، އަމާރާ ނޫން އެހެން އެއްވެސް އަންހެނަކާއެކު ދުވަހަކުވެސް އަހަރެން ގުޅުމެއް ނުހިންގަން.. ތި ނޫން އިންސާނަކު ދެކެ ލޯތްބެއް ނުވަން.. އަހަރެންގެ ރަންކިއުމުގެ ހަބަރާއި ގައިގޯޅިކޮށް ޓީވީތަކާއި ސޯޝަލް މީޑިއާއިން ފެނުނު ކޮންމެ މަންޒަރަކީ ހީލަތްތެރި އަންހެނެއްގެ މަކަރުވެރި ސްކްރިޕްޓަށް ކުޅެން މަޖުބޫރުކުރުވި ޑްރާމާއެއް.. ގަބޫލުކުރުން، ނުކުރުން އެއީ އަމާރާގެ އަމިއްލަ ކަމެއް.." ޝައްޔާންގެ އަޑުގައިވަނީ އިންޒާރާއި ޔަގީންކަމެވެ.
"ނޫން، ޝައްޔާން! ނޫން، ޕްލީޒް! ތިއީ ޝައްޔާންއަށް ކުރެވޭ ވަރަށްވުރެން މާ ނުރައްކާ ކަމެއް.." ޝައްޔާން ކުރަން އެއުޅޭކަމެއްގެ އަސަރު އަންނާނީ ކިހިނެއްކަން އަމާރާއަށް ޔަގީންކުރެވޭތީ އެކަން އެގޮތަށް ކުރިޔަނުދޭން އަމާރާ މަސައްކަތް ކުރި އެވެ.
"އައި ކޭން، އެންޑް އައި ވިލް!" އަޑު ކުރެހި، ތުރުތުރުލަމުންދިއަޔަސް ޝައްޔާންގެ ފަރުވާލެއް ނެތެވެ.
"މި ހުރިހައި އަހަރު، އަހަރެންގެ ދަރިފުޅު އަހަންނާއި ދުރުން ތި ގެންގުޅުނީ.. އަހަރެންގެ އިހްސާސުން ޒައްރެއްގެ މިންވަރުވެސް އަންދާޒާކޮށްނުލެވޭތަ؟" ރިހުމުން ފުރިފައިވާ ހާލުގައި ޝައްޔާން ބުނެލިއިރު އޭނާގެ ދެ ލޮލުން ހޫނު އާވި ނިކުމެއެވެ.
"ބައްޕައަކާއި ނުލައި އަންހެންދަރިއަކު ބޮޑުވުމުގެ ހުރިހައި ރިހުމެއް އެންމެ ރަގަޅަށް އެނގޭނެ އެކަކީ އަމާރާ.. އެކަން އެނގިހުރެ އަހަރެންގެ ދަރިފުޅު އެ ވޭން އުފުއްލަން އަމާރާ ތި ޖެއްސީ.. ހުރިހައި ކަމެއް ފާޅުވީމައި އަދިވެސް މަސައްކަތް ތިކުރަނީ އަހަންނާއި ދުރުކުރަން..؟" ނުރުހުމާއި ނަފްރަތާއެކު ޝައްޔާން ބުނެލީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
"އަހަރެންގެ ހަމައެކަނި، ބޭނުމަކީ.. ކިސްވާގެ ރައްކާތެރިކަން" އަމާރާގެ އަޑާއި ދެ އަތްވެސް ތުރުތުރުއަޅަ އެވެ. ހިތުގައި ވަނީ ބިރުވެރިކަމެވެ.
"އަހަރެންގެ ކިބައިންތަ؟ ނޫނީ އަމާރާ ތި ގަންނަ ބިރުން، އެއްކިބައި ނުކުރެވިދާނެތީތަ؟" އަމާރާގެ މިވަގުތުގެ ހާލު ވަރަށް ރަގަޅަށް އެނގިހުރެ މަޑުމަޑުން ޝައްޔާން އަހައިލި އެވެ. ޖަވާބެއް ނެތީ އަމާރާއަށެވެ. އިސްޖަހައިލީ ޝައްޔާންގެ ލޮލަށް ބަލާނެ ހިތްވަރު ނެތީތީ އެވެ. ކަމުގެ ހަގީގަތް ބުނެދޭން އަމާރާއަށް ފަސޭހަ ނޫނީ އެވެ.
ހިމޭން ގިސްލުމުގެ އަޑުން އަމާރާގެ ހިތް ފުނޑުވަމުންދިޔަ ވަގުތުގައި ހިތްދަތި ބެލުމަކުން، އެ މައުސޫމް ދެލޮލަށް ބަލައިލާފައި ޝައްޔާން ފަސްއެނބުރުނީ، ކިސްވާ ހާސިލްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމަކަށް މިއަދު އޭނާ ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން، ހިމޭންކަމާއެކު އަމާރާއަށް ރައްދުކޮށްލާފައި އެވެ.
...............
މެންދަމުން އަލިވެ ދޭއް ޖަހައި ބޮޑުވީ އެވެ. އަމާރާގެ ލޮލާއި ނިދި ރުޅިވެއްޖެ އެވެ. ހަމަނިދި ނުލިބި މަހެއްހައި ދުވަސް ފާއިތުވީ އެވެ.
ކާން ބޭނުންވި ކިތަންމެ އެއްޗެއް މޭޒުމައްޗަށް ނެގި އެވެ. ނަމަވެސް އެތަކެތި ހަޖަމުކުރާނެ ހިތްވަރެއް ނެތުމުން، ކާއެއްޗެއްގެ ރަހަބެލުމަކީވެސް މިރޭ އަމާރާއަށް ފަސޭހަކަމެއް ނޫނެވެ. ލޮލުގައި އޮތް އައިނު ނަގާފައި އަތުގައި އޮތް ފޮތާއިއެކު ކޮފީ ޓޭބަލްމަތީގައި ބޭއްވި އެވެ. އެންމެ ގާތުގައި އޮތް މަޑުމަޑު ކުށަން ނަގާފައި އޭގެތެރޭގައި މޫނުފޮރުވައި، ދެ ލޯ މަރައިލި އެވެ.
ވަށާއިގެން ހިމޭންކަން ނޫނީ ނެތެވެ.
މާޒީގެ ރިހުމުގެ ކަނޑުގައި ފީނަމުންދިޔަ ވަގުތު، އަމާރާގެ ހިމޭންކަމަށް ތުރާވެއްޖެ އެވެ. ދޮރުގައި ޓަކި ޖަހައިލިހެން ހީވުމުން، ކުށަން ދުރުކޮށްލާފައި ދޮރާއި ދިމާއަށް ބަލައިލި އެވެ. ހީވިގޮތްކަމަށް ނިންމާފައި އަނެއްކާވެސް ކުރިން އިންގޮތަށް ރުޖޫއަވުމަށް ހަރަކާތްކޮށްލި ވަގުތު ދޮރުގައި ޖަހައިލި އަޑު އިވުމުން ފުންމައިގެން ކަހަލަ ގޮތަކަށް ސޯފާއިން ތެދުވި އެވެ.
ދޮރާއި ގާތްވި ވަރަކަށް އެ އަޑު ދިޔައީ ސާފުވަމުންނެވެ. ގަޑިއަށް ބަލައިލައިފައި އަމާރާ ނިންމީ ދޮރު ހުޅުވާށެވެ. ކޮންމެ މީހަކު ދޮރު ކުރިމަތީގައި ހުއްޓަސް، އެމީހަކާއި ކުރިމަތިލުމަށް އޭނާގެ ނަފުސު ތައްޔާރުކޮށްލި އެވެ. ގާތުގައި ހުރި ރެކުން، ބިއްލޫރި ފުޅިއެއް ނަގާފައި އަތަށް ހެޔޮވަރު ކޮށްލި އެވެ.
ޖެހިލުމެއްނެތި ދޮރު ހުޅުވާލީ ނުހަނު ބާރަށް ފުޅީގައި ހިފަހައްޓައިގެން ހުރެ އެވެ. ހުޅުވުނު ދޮރާއެކު އަތުގައި އޮތް ފުޅި، ހޫރުވާލަން އުޅުނު ވަގުތު އޭނާއަށްވުރެން މާ ހުށިޔާރުކަމާއެކު، އެހެން އަތަކުން އަމާރާގެ އަތުގައި ހިފައި އެ ހަމަލާ ދިފާއުކޮށްފި އެވެ.
"ރަގަޅު..! ގޯހެއް ނެއް...! މިހާރު އަމާރާއަށް ނުވެ އޮތް ކަމަކީ އަހަރެންގެ ސިކުނޑި ފުނޑުފުނޑުކޮށްގެން ބިއްލޫރި އަޅައިގެން އަސާރަ ކެއްކުން.." އަމާރާގެ ބިރާއި ހާސްކަން ދުރުކުރާނެ ފޯމިއުލަރ އަދިވެސް ޝައްޔާންއަށް އޮޅުމެއް ނެތްކަން އޭނާ ސާބިތުކޮށްދިނީ އެންމެ ޖުމުލައަކުންނެވެ.
"މިއީ މީހުން ގޭގޭއަށް އަންނަ ގަޑިތަ؟ އައުމުގެ ކުރިން ފޯން ނުކުރެވޭތަ؟ މެސެޖެއް ކޮށްލިނަމަ، އެހެން މީހުން ބިރުގަންނާކަށް ނުޖެހުނީސް!" ގަތްފައިވާ ލަދު ފޮރުވަން އަމާރާގެ އެސްފިޔަތަށް އަވަސްއަވަހަށް ތަޅުވައިލި އެވެ.
ޝައްޔާން ބޭނުންކޮށްފައިވާ ސެންޓުގެ ވަހުން އަމާރާގެ ހިއްސުތަކަށް އަރަމުންދިޔަ ވާން ކަން، ލުއިކުރެވޭނެ އުކުޅެއް އޭނާއަކަށް ނުވިސްނުނެވެ. އަތުގައި އޮތް ފުޅި ދަމައިގަތްފައި ރެކްގައި އެ ފުޅި ޝައްޔާން ބެހެއްޓިކަންވެސް އަމާރާއަށް ނޭގުނެވެ. ހިމޭން މެންދަމެއްގެ މިފަދަ ގަޑިއެއްގައި ޓްރެކްޝޫޓަކާއި އަތް ކުރު، މަޑުއަޅިކުލައިގެ ޓީޝާޓެއްގައި އަމާރާގެ ކުރިމައްޗަށް އަންނަ އިރު ކަންވެގެން ހިގައިދާނެ ގޮތުގެ އަންދާޒާއެއް ޝައްޔާންއަށް ކުރެވިފައިވާން އަމާރާއަށް ޔަގީނެވެ. ޖާދޫގަރެއްގެ ހަރަކާތަށް، އިންސާކަނަކު ތަބާވާހައި އޮމާންކަމާއެކު ޝައްޔާންއާއި ދާދި ކައިރިއަށް އަމާރާ ޖެހިލި އެވެ. ހިއްސުތަށް މަސައްކަތްކުރަނީ، އަމާރާގެ ނިންމުމާއި ދެކޮޅަށެވެ. ހުވަފެނީ ގޮތަކަށް ދެ ލޮލުގެ އެސްފިޔަތަށް ތަޅުވާލާފައި ދަތްދޮޅި އުފުލާލެވުނު އިރު، ފައިގެ އިނގިލިތަކުގެ ކޮޅު ވިއްދާލާފައި ހަށިގަނޑު އުފުލާލެވިއްޖެ އެވެ. ދެމީހުންގެ ނޭވާގެ ހޫނުކަން އިހްސާސްވަންދެން ޝައްޔާން ކެތްކުރި އެވެ.
"ޔޫ ލުކް ސޯ ބިއުޓިފުލް..!" ހުވަފެނީ ގޮތަކަށް މަޑުމަޑުން ޝައްޔާން ބުނެލީ ވައިރޯޅިއަށްވެސް ސިއްރުންނެވެ.
"ހައްހހ.." އެސްފިޔަތަށް ތަގުޅިކޮށްލަމުން އަމާރާއަށް ލައްވާލެވުނީ އެންމެ އަޑެކެވެ. އެ އަޑުގައި ފޮރުވާނެ އިހްސާސެއް ނެތެވެ.
"ތިޔަށްވުރެން ފުރިހަމަ އަންހެނަކު، މި ކާއިނާތުގައި މާތްﷲ ލައްވާފައި ނުވޭ.." ދެ ތުންފަތް ބީހޭނުބީހޭހައި ހިސާބަށް ގާތްވުމުން ޝައްޔާން ބުނެލި އަޑާއެކު އަމާރާގެ އެސްފިޔަތަށް ދުރުކޮށްލި އެވެ. ތިބެވުނު ގޮތް އިހްސާސްވާން ބައި ސިކުންތުވެސް ނުނެގި އެވެ. ގަތް ލަދުން ބިންފަޅާފައި އަޑިއަށް ވަދެވޭކަށްވެސް، ނުވަތަ ފަޔަށް ބާރުލާފައި ދުވެ ފިލޭކަށްވެސް ނެތެވެ.
"ކޮފީ..؟ ކޮފީ..؟ ކޮފީ.... ބޭނުން؟" ކުއްލިޔަކަށް ހަމަބިމަށް ތިރިވެ އަމާރާގެ ނޭވާ ހަމަޔަކަށް އަޅުވާލަށް އުޅުނު ގޮތް ކިތަންމެ ހާވެސް ލޯތްބެވެ. ޝައްޔާންގެ ހިނިގަނޑު ކޮންޓުރޯލް ކުރުމަށް ނުހަނު ހަކަތަ ބޭނުންވި އެވެ.
"ކިސްވާ..؟ ކޮބާ ކިސްވާ..؟" ދައްކާނެ އުޒުރެއް ނޭގުނީ އަމާރާއަށް އެކަންޏެއް ނޫނެވެ. ކުއްލިޔަކަށް މެންދަމުގެ އެވަގުތުގައި އެ ގެއަށް އައުމުގެ މަގުސަދަކަށް ދައްކާނެ ބަހަނާއެއް ޝައްޔާންއަށް ނުވިސްނުނީ އެވެ.
"ސީރިއަސްލީ ޝައްޔާން..؟ މެންދަމުން އަލިވެ، ތިނެއްޖަހަން ދާއިރު ކުޑަކުޑަ ކުއްޖަކު، ނުނިދާ ހޭލާ ހުންނާނެތަ؟" ދާދި ދެންމެ ހިނގާދިޔަ ކަންކަން އޮޅުވާލުމަށް އަމާރާއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ނުވަތަ އެއީ ޝައްޔާން އޭނާއަށް ކުރި ހަދިޔާއެކެވެ.
"ކިސްވާ، ނިދާފަ..!" ގޭގެ ދޮރު ލައްޕައިލުމަށް އަމާރާ އެނބުރެލި ވަގުތު ޝައްޔާންގެ އަތުގައި އޭނާގެ އަތް ބީހިގެން ދިޔަވަގުތު ދެމީހުންގެ ކަނދުރާއިން ނެގި ހީނބިހީގެ އަސަރު، ހިތާއި ހަމައަށް ފޯރައިފި އެވެ. އިސްޖަހައިލާފައި ގޮސް، ދޮރުލައްޕާފައި އަމާރާ ހުއްޓުނީ ޝައްޔާންގެ ކުރިމަތީގަ އެވެ. ހަޔާތުގައި ހަމައެކަނި ލޯބިވި އިންސާނާއާއި ދުރުގައި ހިތްދަތި އަހަރުތަކެއް ކޮންމެފަދަ ހާލެއްގައި ހޭދަކުރިކަމުގައިވިޔަސް، މައާފު ނުދިނުމަކީ އަމާރާގެ މިޒާޖެއް ނޫނެވެ.
ލޯތްބާއި އިހްތިރާމުން ފުރިގެންވީ ބަލައިލުމަކުން ޝައްޔާންގެ ދެ ލޮލަށް ނަޒަރު ހުއްޓައިލި އެވެ. އެ ދެ ލޮލުގެ ރިހުމާއި ހިތާމަ އަމާރާއަށް ތަފްސީލްކޮށްދޭކަށް ނުޖެހުނެވެ. ހިމޭންކަމުގެ ތެރެއަށް ދެމީހުން ގެނބިގެން ދިޔަ ވަގުތުގައި ޝައްޔާންގެ އަތުގައި މަޑުމަޑުން ހިފާލާފައި ފިރުމާލެވުނީ ކުރިއެކޭ އެއްފަދައިން މިރޭވެސް އަމާރާގެ ހިތުގައި އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަކަން ހާމަކޮށްދިނުމަށެވެ.
"ކޮފީ...؟" ލޯތްބާއެކު މަޑުމަޑުން އަމާރާ އަހައިލި އެވެ.
ހަމަ އެފަދަ ލޮބުވެތި ޖަވާބަކުން ޝައްޔާން އިޝާރާތްކޮށްލީ އޭނާގެ ބޮލުގެ ހަރަކާތުންނެވެ. ދުލުން އެންމެ ލަފްޒެއް ހާމަކުރުމުގެ ބޭނުމެއް ނެތެވެ. ޝައްޔާންގެ ކޮންމެ ހަރަކާތެއް، ކޮންމެ ބަލައިލުމެއް ތަރުޖަމާކުރުމުގައި އަމާރާއަކީ ކުޅަދާނަ މާހިރެކެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;