ޔޫއޭއީގައި ދިރިއުޅޭ ދިވެހިން ތިބޭ ވަޓްސްއެޕް ގްރޫޕަށް، އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޅި ސަރަހައްދުން ވައިގެ މަގުން ބޮމުގެ ހަމަލާތަކުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ދަތުރުނުކުރުމަށާއި ބޭރުގައި ނޫޅުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
މި ވަގުތު ގައުމުގެ ސަލާމަތީ ހާލަތު އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި، ކަމާބެހޭ އިދާރާތަކުން 24 ގަޑިއިރު ހާލަތު މޮނިޓާކުރަމުންދާ ކަމަށް ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. އަދި ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ބޭރު މީހުންގެ ސަލާމަތަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ވާއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތު ނޫނީ ގަބޫލުނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މެދުއިރުމަތި ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުނީ، އިރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންނާއި މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލާއި އެެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިރާންގެ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ވަނީ ބޮން އަޅާފަ އެވެ.
އިރާނުން ރައްދުގައި ދިން ހަމަލާތަކުގައި އިޒްރޭލާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާތައް ވަނީ ފޮނުވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;