މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރީ އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ދޭން ފެށި ހަމަލާތަކާއި ގުޅިގެނެވެ.
މާލެއިން ދުބާއީއަށް މިއަދު މެންދުރުފަހު ދަތުރުކުރި ފްލައި ދުބާއީގެ FZ1026 ފްލައިޓް އަނބުރާ ވެލާނާ އެއާޕޯޓަށް ޖެއްސީ ވައިގެ މަތީގައި އޮންނަތާ ގަޑިއިރަކާއި 45 މިނިޓެއްހާއިރު ފަހުންނެވެ.
ވެލާނާ އެއާޕޯޓުން ފުރި އެ ބޯޓު އަނބުރާ ރާއްޖެއަށް މިސްރާބު ޖެހީ، ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ އިރާނުގެ އަސްކަރިއްޔާ ނެތިކޮށްލުމުގެ ބޭނުމުގައި ފެށި އޮޕަރޭޝަނެއް ކަމަށެވެ. ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް، ގަތަރުގެ ސިވިލް އޭވިއޭޝަނުން ވެސް ވަނީ އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
އެމިރޭޓްސް، އިއްތިހާދު، ގަތަރު އެއާވޭޒް އަދި ކުވައިތު އެއާވޭޒް ކަހަލަ ބޮޑެތި އެއާލައިންތަކުން ދަނީ މި ހާލަތާ ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލުތައް ގެންނަމުންނެވެ. މިކަމުގެ ސަބަބުން ދަތުރުތައް ދިގުވެ، އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.
ޓްރަމްޕުގެ ޓުރުތު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ އެއްބަސްވުމެއް ހަދަން އިރާނަށް ތަކުރާރުކޮށް ފުރުސަތު ދިން ނަމަވެސް އިރާނުން ބޭނުން ނުވީ ކަމަށެވެ. ޓްރަމްޕު ވަނީ އިރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލުގެ ނިރުބަވެރި ދަޢުލަތަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އޭގެތެރެއިން ބައެއް ހަމަލާތަކުގައި ޔަހޫދީންގެ ބައެއް އިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;