އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓާއި ކޯވިޑް 19 އެސެސްމަންޓް ރިޕޯޓު ހިމަނައިގެން ދެވަނަ ކުއާޓަރުގެ ރިޕޯޓާއެކު، 31 ޖުލައިގެ ނިޔަލަށް ރިޕޯޓް އާންމު ކުރުމުގެ މުއްދަތު ސީއެމްޑީއޭ އިން ވަނީ އިތުރުކޮށްފަ އެވެ.
ސީއެމްޑީއޭ އިން ބުނީ މި މުއްދަތު އިތުރުކުރި ނަމަވެސް ހިއްސާގެ އަގަށް ބަދަލު އަންނާނެ އެއްވެސް މުއާމަލާތެއް ކުންފުންޏަކުން ހިންގައިފިނަމަ، ނުވަތަ އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ ކުންފުންޏަކުން ވަގުތުން މައުލޫމާތު ހާމަކުރަންޖެހޭނެ ކަމަށެވެ.
ކުންފުނިތަކުގެ މާލީ ހިސާބުތައް ހާމަކުރުން ލަސްކުރުމުގެ މައިގަނޑު މަގްސަދަކީ ކޮވިޑް-19 އާ ގުޅިގެން ކުންފުނިތަކުގެ ވިޔަފާރިއަށް ކުރާނެ އަސަރާއި ކުންފުނީގެ އާމްދަނީއަށް އަތުވެދާނެ ބަދަލުތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތަކަށް އެޑްރެސްކޮށް، ކުންފުނިތަކުން ރިޕޯޓެއް ނެރުމަށް ފުރުސަތު ދިނުންކަމަށް ސީއެމްޑީއޭ އިން ފާހަގަކުރެ އެވެ.
މިގޮތަށް މާލީ ތަފާސްހިސާބުތައް އާންމު ކުރުން ލަސްކޮށްދިނުމުން ކުންފުނީގެ ވިޔަފާރީގެ ހާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތަށް އަސަރުކުރާނެ ނުވަތަ އަސަރުކޮށްފައިވާ ގޮތް ވަޒަންކުރުމަށް އިންވެސްޓަރުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ސީއެމްޑީ އިން ފާހަގަކުރެ އެވެ. އަދި މިގޮތަށް މާލީ ހިސާބުތައް ހާމަކުރުން ލަސްކުރުމުގެ އެއް ބޭނުމަކީ ސެކިއުރިޓީޒް ގަނެވިއްކުމުގައި އިންވެސްޓަރުންނަށް ގޮތެއް ނިންމުމުގައި މަގުފަހިކޮށްދިނުން ކަމަށް ވެސް ސީއެމްޑީއޭ އިން ބުނެ އެވެ.
ސީއެމްޑީއޭ އިން ވަނީ މީގެ ކުރިން ޖޫން މަހުގެ 30 ގެ ކުރިން އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ނެރެންޖެހޭނެކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ކުންފުނިތަކަށް އަހަރީ އާންމު ޖަލްސާތައް ބާއްވަން ދަތިވާނެތީ، އަހަރީ ޖަލްސާތައް ބާއްވަންޖެހޭ ތާރީހުވެސް ސީއެމްޑީއޭއިން ވަނީ ފަސްކޮށްފަ އެވެ.