ads
ރޫހު - ދެ ވަނަ ބައި
އެޕިސޯޑް 2
Advertisement

އަހަރެންގެ އެހީތެރިކަން ގަބޫލުކުރުމަށް އެދި ހުށަހެޅީމެވެ. ފާޅުގައި ރަޝްދާން ދެކޮޅު ހެދި އެވެ. ރަށުތެރޭގައި ފެތުރިދާނެ އަޑުތަކުން އަހަރެން ސަލާމަތްކުރުމުގެ ގޮތުންނެވެ. އެކަން އަހަރެންވެސް ގަބޫލުކުރަމެވެ.

އެކުވެރިއެއްގެ ހައިސިއްޔަތުން ކޮންދެވެން ހުރި ހުރިހައި ކަމެއް ކޮއްދިނުމަށް އަހަރެން ނިންމީމެވެ. އެކަމަކު ރަޝްދާން އާއި ދެކޮޅަށެވެ. ކުޑަކުޑަ ރާބިތުވެސް އަހަރެންނާއި އެކުވެރިވެ، އަހަރެންނާއެކު ނިދަން ފެށީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

މާގިނަ ދުވަހެއް ނުވެ، ރަށުތެރޭގައި ފާޑުފާޑުގެ ވާހަކަތަށް ދެކެވެން ފެށި އެވެ.  ރަޝްދާން އާއި އެއްވެސް މިންވަރެއްގެ ގުޅުމެއް ނުބޭއްވުމަށް އަހަރެންގެ އާއިލާއިން އެންގި އެވެ. މިހައި ދުވަސްވީ އިރުވެސް އަހަރެންގެ ހިތުގެ އިހްސާސުން ޒައްރެއްގެ މިންވަރުގެ ހިލަމެއްވެސް ވިޔަ ނުދެމެވެ. މި ލޯބި ސިއްރުކުރީ ހަމައެކަނި ރަޝްދާންއަކަށް ނޫނެވެ. އެހެން މީހަކަށްވެސް އެފަދަ ކުށެށް ނުދެއްކޭނެ އެވެ.

ހަމައެކަނި ފޯނުން ހާލުއަހުވާލު ބަލައިލައިގެން ދޮޅު އަހަރު ފާއިތުކޮށްލީމެވެ. އަހަރެންގެ ކިޔެވުން ނިމި ރަގަޅު ފެންވަރުގެ ވަޒީފާއެއް ރަށުން ލިބިއްޖެ އެވެ. ވަޒީފާގައިވެސް ހަމަސް ހޭދަވެއްޖެ އެވެ. އަހަރެން ކައިވެނި ނުކޮށްގެން އާއިލާގެ ޕްރެޝަރު އަންނާން ފެށީ ކީއްވެކަމެއް ނޭގެ އެވެ. އަހަރެންގެ ހިތުގައި އެހެން މީހަކަށް ދޭނެ ޖާގައެއް ނެތެވެ. ރަޝްދާން އަށްޓަކައި އެ ހިތް ފުރިފައި އޮތްއިރު އެހެން މީހަކު މި ހަޔާތަށް ގެނައުމަށް ހިތް އެއްބަހެއް ނުވި އެވެ. އާއިލާގެ ކޮންމެ ހުށަހެޅުމަކަށް ދެކޮޅު ހެދީމެވެ. 

އަހަރެންގެ ބެސްޓް ފްރެންޑް ރަޝްދާން، ނަސޭހަތްތެރިވަމުން ދިޔައީ އާއިލާއިން އެދޭފަދައިން ކައިވެނި ކުރުމަށެވެ. އެކަމާއި ވިސްނީމެވެ. ރަޝްދާންގެ ކޮންމެ ނަސޭހަތެއް އަހަންނަށް ވަރަށް މުހިއްމު ވާތީ އެވެ. ހަފްތާއެއްހައި ދުވަސްތެރޭގައި ގޮތް ނިންމީމެވެ. އަހަރެންގެ ކައިވެނި ކުރެވެން ވާނީ އަހަރެން ބޭނުން މީހަކާ އެވެ. އަވަސް އަރުވާލުމެއް ނެތި އެވެ. އެކަމަށް ވަގުތު ދިނުމަށް ބައްޕައާއި ބޭބޭގެ ކިބައިން އަހަރެން އެދުނީމެވެ. އެދަފަ ހުށަހެޅުމެއް ގަބޫލުކުރަން މިވަގުތު ތައްޔާރެއް ނޫނެވެ. މިގޮތަށް ރަޝްދާންވެސް އެއް ބަހެވެ. 

އާއިލާއިން އަންނަމުން ދިޔައީ އެންމެ ސުވާލެކެވެ. އެއީ ކާކު ތޯ އެވެ؟ އަހަރެންގެ އިންތިޒާރު ގުޅިފައިވަނީ ކޮންފަރާތަކާއި ތޯ އެވެ.

އަހަރެންގެ ހިތުގެ ޖަޒްބާތާއި މި ހިތުގެ އިހްސާސްތަށް ރަޝްދާންއަށް ބުނެދިނުން ފަސޭހައެއް ނުވި އެވެ. ވަގުތާއި ހާލަތުގެ ފައިދާ ނަގަނީކަމަށް އޭނާއަށް ހީވެދާނެތީވެސް އަހަރެން ޖެހިލުންވީ އެވެ. އުމުރުގައި ފަސް އަހަރު ތަފާތު ހުރުމަކީ އަހަންނަށް ކުޑަވެސް މައްސަލައެއް ނޫނެވެ. އަހަރެން އެންމެ ލޯބިވާ އިންސާނާއަކީ ހުސްހަށިބައި މީހެއް ނޫނެވެ. އޭނާގެ ދަރިޔަކު އެބަހުއްޓެވެ. މި ހުށަހެޅުން އަހަރެންގެ އާއިލާއަށް ތަހަންމަލް ނުކުރެވޭނެކަން އެންމެ ރަގަޅަށް އިނގޭނީވެސް އަހަންނަށެވެ. އެކުވެރިކަމުގެ ފައިދާ ނެގީކަމަށްބުނެ ރަޝްދާންއަށް އަދި އަހަރެންނަށް މުޖުތަމައުގެ އިގިއްޔެއް އަމާޒުވާކަށް އޭނާ ބޭނުމެއް ނުވާނެ އެވެ. އެކަމަކު ދިރިއުޅެނީ ދެމީހުން އެކަކު އަނެކަކަށްޓަކައެވެ. މުޖުތަމައަށް ޓަކައެއް ނޫނެވެ.

ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ރަޝްދާންގެ ކުރިމަތީގައި، ބަރަންޏެއް ފަދައިން އަހަރެންގެ ހިތް ނިއުޅުވާލީމެވެ. ފަހަރަކު ރޮދި ފަށެށް ނިއުޅުވަމުންގޮސް، މުޅި ބަރަނި ނިއުޅުވާ ނިމުނުއިރު ރަޝްދާންގެ ބަސް ހުއްޓި ދެ ލޯ ބޮޑުވެއްޖެ އެވެ. އަހަރެންގެ އަހްލާގާއި ކެތްތެރިކަމަށް އޭނާ ތައުރީފް ކުރި އެވެ. އޭނާގެ ހިތުގައި ހަޔާތު ފިޔަވައި ކުޑަމިންވަރެއްވެސް އެހެން އަންހެނަކަށްޓަކައި ޖާގައެއް ނެތް ކަމަށް ވަރަށް ސާފުކޮށް ބުންޏެވެ.

ވަފާތެރިކަމުގެ އެ މިންވަރު އަހަންނަށް ފުދެ އެވެ. އަހަރެންގެ ހިތުގައި ފުރިބާރުވެފައިވާ ލޯބި ދެ މީހުންނަށްޓަކައި އަހަންނަށް ފުދެ އެވެ. އަހަރުމެން ދެމީހުންނަށް ނުވަތަ ތިން މީހުންނަށްވެސް އަހަރެންގެ ނަޒަރުގައި މި ލޯބި ފުދެ އެވެ. ރަޝްދާންގެ އެކުވެރިކަމާއި އެ ހިތުގައި އަހަންނަށްޓަކައި އޮތް އިހްތިރާމާއި ގަދަރުގެ އިތުރުން އެހެން އެއްޗެއް އޭނާގެ ކިބައިން އަހަރެން ބޭނުމެއް ނޫނެވެ. ދައްޗެއް ނުވެ އުޅެވޭވަރަށް އަހަންނަށް ފައިސާލިބެ އެވެ. ރަސްމީ ގަޑީގައި އަހަރެން ވަޒީފާ އަދާކުރުމުން ފުދޭނެ އެވެ. އެ ވަގުތުގައި ރާބިތުވެސް އުޅޭނީ ސްކޫލްގަ އެވެ. އޮފީހަށް ދިއުމުގެ ކުރީން ގޭގެ ޒިންމާ އެވަގުތަށް ފުދޭވަރަށް އަހަންނަށް ފުރިހަމަ ކޮށްލެވޭނެ އެވެ. 

ކޮންމެއަކަސް، އަހަރެން ކައިވެނި ކޮށްފީމެވެ. އުމުރުން އަށް އަހަރުގެ ކުއްޖެއްގެއް ބައްޕައާއި އެވެ. މި ކައިވެންޏާއި އަހަރެންގެ މައިންބަފައިންނާއި އެކުވެރި ރަހްމަތްތެރިންވެސް ގަބޫލެއް ނޫނެވެ. އަހަރެންގެ ނަޒަރުގައި ދަރިޔަކު ހުރުމަކީ މައްސަލައެއް ނޫނެވެ. މީހަކާ އިނދެފައި ވުމަކީވެސް މައްސަލައެއް ނޫނެވެ. ދެމީހުން ދެމެދުގައި އިތުބާރާއި އިހްތިރާމާއި އޯގާތެރިކަން ވާނަމަ، ދިރިއުޅުމަށް އެ ހޯދުނީ އެންމެ ފުރިހަމަ އިންސާނާ އެވެ. 

ރަޝްދާންއާއި އަހަރެން ކައިވެނިކުރީ އޭނާގެ ކައިވެނި ރޫޅާލައިގެން ނޫނެވެ. ފުރަތަމަ ފަހަރަށް ރަޝްދާން ފާހަގަކުރެވުނު ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ހާއްސަ ކަމެއް ބެހެއްޓުނެވެ. އެއީ ގަސްތަކު ނޫނެވެ. އެއްވެސް މީހެއްގެ ގާތުގައި މިހައިތަނަށް އެވާހަކަ ނުބުނަމެވެ. ދެމީހުންގެ އުމުރުގެ ތަފާތުގައި ފަސް އަހަރުގެ ފަރަގެއް އޮތުމަކީ ލޯތްބާއި އިހްތިރާމަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ. 

ކައިވެނީގެ ވާހަކަ ދެކެވުނު ހިސާބުން އަހަރެންގެ ބައްޕައާއި މަންމަ އަދި ބޭބެއާއި މައްސަލަޖެހުމަށް ނެގީ ދިހަވަރަކަށް މިނެޓްގެ ވަގުތުކޮޅެކެވެ. އެންމެން އެއް އަޑަކުން މިކައިވެންޏަށް ދެކޮޅުވާންޖެހުނު ސަބަބު އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. ރަޝްދާންއާއެކު އަހަރެން ދިރިއުޅޭނީ އުފަލުގައިތޯ ނޫންތޯ މަންމައާއި ބައްޕަ، މިހާރު ނިންމާނީ ކިހިނަކުން ހެއްޔެވެ؟  

ރަޝްދާންއަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ މުރާލި ފިރިހެނެކެވެ. އޭނާއަކީ މަޑުމައިތިރި ހިތްހެޔޮ މިޒާޖެއްގެ ރީތި މީހެކެވެ. ތަނަވަސްކަމަށް ބެލިޔަސް، ރަށުގެ ފެންވަރުން ރަޝްދާންގެ ނަންވެސް  ދިހަ ނުވަތަ ބާރަ ވަނައިގައި ކިޔާލެވޭނެ އެވެ. އިރު އަރާގޮތަށް އިރުއޮއްސެންދެން ބުރަ މަސައްކަތް ކުރުމަކީ އޭނާގެ ދިރިއުޅުމުގެ އާދަ އެކެވެ. އަލަތު ކައިވެންޏަކުން ކައިވެނި ކުރީވެސް ރަށުގެ ފެންވަރުން ހިތްގައިމު ގެއެއް އަޅާފައި އޭގޭގައި ދިރިއުޅުން ފެށޭވަރުކޮށްފަ އެވެ. ދިރިއުޅުން ފެށުމާއެކު މުޅިން އައު ގެއަކަށް ބަދަލުވެވުމަކީ ރަސްދޫ ފަދަ ކުޑަ ރަށެށްގެ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. ރަޝްދާންގެ އަލަތު އަނބިމީހާ އޭނާގެ ގެއަށް ބަދަލުކުރީ މުޅި ގެ، ފުރިހަމަ ކޮށްފަ އެވެ. 

އަހަރެންގެ ކައިވެނީ ކުރެވުނީ އެއިގެ އަހަރުތަކެއް ފަހުންކަމަށްވިޔަސް، ރަޝްދާންގެ ގެއަށް އިތުރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެކަމާއި އަހަރެން ހިތްހަމަޖެހުނެވެ. އެއީ ތަނަވަސް ފުރިހަމަ ގެއެކެވެ. ގެއެއްގެ ފުރިހަމަ ކަމަކީ އެ ގޭގެ ހަމަޖެހުމާއި އުފަލާއި އެކުވެރިކަމެވެ. އެކަން ދަމަހައްޓައި އެ ގެއަކީ ބަރަކާތްތެރި ގެއަކަށް ހެދުމަށް އަހަންނަށް ކުރެވެންހުރި ހުރިހައި ކަމެއް ކުރުމަށް ހިތުގައި އަޒުމު ކަނޑައެޅީމެވެ.

ކުރީގެ އަނބިމީހާ ނުވަތަ ރަޝްދާންގެ ދަރިފުޅުގެ މަންމައަށްޓަކައި އޭނާގެ ހިތުގައި އޮތް ގަދަރާއި ލޯތްބަށް އަހަރެން އިހްތިރާމް ކުރަމެވެ. ހަޔާތުއަކީ އޭނާގެ އަލަތު އަނބިމީހާ އެވެ. އެ ދެ މީހުން ކައިވެނިކުރީ ލޯބިންނެވެ. ކައިވެނީގެ ކުރީކޮޅުގައި ދަރިޔަކު ލިބި، އުފާވެރި ދިރިއުޅުމެއް އުޅެން ދެމަފަރީންނަށް ލިބުމަށްވުރެން ބޮޑު ހިތްހަމަޖެހުމެއް ކޮބައިހެއްޔެވެ؟ (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;