ads
ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. މިއީ ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް ފަހު ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރު
ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށްވުރެ މައްޗަށް
ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކުރާ މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މަޖުބޫރުވުމާއި، ހޮރުމޫޒު ކަނޑުއޮޅި އެކީ ކަހަލަ ގޮތަކަށް ބަންދުވެފައި އޮތުމާ ގުޅިގެން ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރުން މައްޗަށް އަރައިފި އެވެ.
Advertisement

މިއަދުގެ ނިޔަލަށް ތެލުގެ އަގުތަކަށް ބަލާއިރު، މި ހަފުތާ ނިމުނުއިރު ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު ވަނީ 92.69 ޑޮލަރަށް އަރާފަ އެވެ. މިއީ އެއް ދުވަސް ތެރޭގައި 8.5 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، އެމެރިކާގެ ޑަބްލިއު.ޓީ.އައި ތެލުގެ އަގުވެސް ވަނީ 119 ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ.

ތަޖުރިބާކާރުން ބުނަނީ އެމެރިކާއިން ބުނާ ގޮތަށް ފަސް ހަފުތާއަށް މި ހަނގުރާމަ ދެމިގެން ގޮސްފި ނަމަ ފީފާއެއްގެ 150 ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި، ހަނގުރާމަ ނިމުމުގެ އަލާމާތެއް ނުފެންނަހާ ހިނދު، އަގު އުފުލުމުގެ ސިލްސިލާއަށް ނިމުމެއް ނާންނާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ތެލުގެ އަގު ކަނޑައެޅުމުގެ ދެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔުޓީއައި) އަދި ބްރެންޓް ވެސް އާދީއްތަ ދުވަހު ވަނީ 15 ޕަސެންޓު އުފުލިފަ އެވެ. މިވަރަށް އެންމެ ފަހުން ބޮޑުވީ ރަޝިޔާއިން 2022 ވަނަ އަހަރު ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ކުރީކޮޅު އެވެ. 

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ މިއީ އީރާންގެ ނިއުކްލިއާ ނުރައްކާ ނައްތާލުމާ އަޅާބަލާއިރު އަދާކުރަންޖެހޭ ކުޑަ އަގެއް ކަމަށެވެ. އަދި މިއީ ވަގުތީ އުފުލުމެއް ކަމަށް ވައިޓް ހައުސް އިން ބުނާ ބުނުން ތަކުރާރުކުރެއްވި އެވެ. 

"އީރާންގެ ނިއުކްލިއާ ނުރައްކާ ނައްތާލެވުމާ އެކު ތެލުގެ އަގު ވަރަށް އަވަހަށް ދަށަށް ދާނެ. ތެލުގެ އަގު ވަގުތީ ގޮތުން އުފުލުމަކީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާއަށް އަދާކުރެވޭ ކުޑަ އަގެއް،" ސޯޝަލް މީޑިއާގައި ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، އީރާނުން އަންްނަނީ އަވަށްޓެރި ގައުމުތަކުގެ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ވެސް ހަމަލާދެމުންނެވެ. ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ އިތުރުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ހަކަތައިގެ އަގު އުފުލުމަކީ އިންފްލޭޝަން އިތުރުވެ، ކުރިއަށް އޮތް ތަނުގައި އިންޓްރެސްޓް ރޭޓް ކުޑަކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމެކެވެ. 

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން ލަފާކުރާ ގޮތުގައި ތެލުގެ އަގު 10 ޕަސަންޓް އުފުލޭ ކޮންމެ ފަހަރަކު އިންފްލޭޝަން 0.4 ޕަސެންޓް މައްޗަށް ގޮސް، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން 0.15 ޕަސެންޓަށް ދަށްވެދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;