މި މައްސަލައިގައި ދައުލަތުންވަނީ ދެ މީހެއްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި ތިން ދައުވާކޮށްފައިވަނީ، ރ. އަލިފުށީ ހަބީބީހެޕް އިސްމާއިލް ސާއިފް އަދި، މއ. ދިއްލީ އަލީ ނިމާލްގެ މައްޗަށެވެ.
މިދިޔަ ޖުލައި މަހު ހިނގި މި ހާދިސާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ދެ މީހުން ވައްކަންކޮށްފައިވަނީ، ގޭގެ ވެރި ފަރާތުން ފަތިސް ނަމާދަށް ދިޔަ ވަގުތު ފާރުމަތިން އަރައި ގެއަށްވަދެ، ދޮރު ހަލާކުކޮށްލައިގެންނެވެ. މި ދެ މީހުން ވަގަށް ނަގައިގެން ގެންދިޔައިރު، ތިޖޫރީގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާއާއި 3000 އެމެރިކާ ޑޮލަރު ހުއްޓެވެ.
ދައުލަތުން ދައުވާ ކުރި ތިން މައްސަލައިގެ ތެރެއިން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި ސާއިފްގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ނިމާލްގެ މައްޗަށް އިއްވީ ތިން މަސް ދުވަހުގެ ހުކުމެވެ.
ވައްކަމުގެ މައްސަލައިގައި ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވައި، ތިޖޫރީން ވަގަށް ނެގި ފައިސާގެ ތެރެއިން ހޯދިފައިނުވާ ދޮޅު ލައްކައެއްހާ ރުފިޔާއާއި 3000 އެމެރިކާ ޑޮލަރު އެއް އަހަރު ތެރޭގައި އަނބުރާ ދައްކަން ހުކުމް ކުރިއެވެ. މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ދެ މީހުންގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ މީހުން ގެއްލުން ދިން މުދަލުގެ މަރާމާތުގެ އަގަށްވާ، 9300 ރުފިޔާ އެއް އަހަރު ތެރޭގައި ދައްކަން ހުކުމް ކުރިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;