
ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުން ދިޔަ 4005 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ މިހާރު އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގަލަދޭޝް ރައްޔިތުން އުޅެމުން ދާއިރު، ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުން ފޮނުވާލަން ފަށާފައި ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އެވެ.
އެގޮތުން ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި އަދި އެ ގައުމުގެ ގައުމީ އެއާލައިންގެ ފްލައިޓްތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ހާހެއްހާ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ އެ ގައުމަށް ފޮނުވާލާފަ އެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި، އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގަވާއިދާ އެއްގޮތަށް އުޅޭ ރައްޔިތުންގެ ތެރެއިން ވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަ އެވެ.
މޯލްޑިވިއަން އިން ވަނީ ގަވާއިދާ ހިލާފަށް ދިިރިއުޅެމުން ދިޔަ 3،000 އަށް ވުރެ ގިނަ ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. މިއަދު އެ އެއާލައިނުން ގައުމަށް ފޮނުވާލި އިތުރު 200 މީހުންނާއި އެކު މިހާތަނަށް 4،582 މީހުން ބަންގްލަދޭޝަށް ފޮނުވާލާފަ އެވެ.
އަވަސް މުސްތަގުބަލެއްގައި 5،000 އެއްހާ ބަންގަލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ސަރުކާރުން ބުނެފައި ވާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ މިއަހަރުތެރޭގައި 20،000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ ކަމަށް ދާދި ފަހުން ވިދާޅުވެފަ އެވެ.