އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ސެންޓަރަލް ޕާކުގައި ކުރިޔަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވަރަށް ބާރަށް މިހާރު ކުރިޔަށްދާ ކަމަށެވެ. އެގޮތުން ރަސްމާލެއިން 1000 ހެކްޓަރު ބިން ހިއްކަންޖެހޭއިރު މިހާތަނަށް 800 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އަދި އެއީ ހުޅުމާލެ ފޭސް ދޭކާއި ތިނަކަށް ވުރެ ބޮޑު ސަރަހައްދެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރަސްމާލެ އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރަން ރައީސް ވަނީ މިރޭ އިލްތިމާސްކޮށްފައެވެ. ސަބަބެއްކަމަށް ވިދާޅުވީ އިދިކޮޅުން ފަތުރަނީ ދޮގު ވާހަކަތައްކަމަށެވެ.
މުޅި ރަސްމާލޭ އެއްކޮށް ހިއްކުމަށް ދައުލަތުން ހަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރުކަމަށް އިންފްރާސްޓަރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.