ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައިފަ އެވެ.
އެހެންނަމަވެސް އެ ކަންކަމަށް ނުވިސްނަވައި އެމަނިކުފާނަކީ ގައުމަށްޓަކާ "އަންޕޮޕިއުލާ" ނިންމެވުންތަކެއް ނިންމެވި ވެރިއެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ފެންނަ ތަރައްގީގެ އިތުރަށް އިހުތިރާމު އަދާކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި ދެ ކަންތައް އެކީގައި ހިންގައިފި ނަމަ ގައުމު ވަރަށް އުޖާލާވެގެންދާނެ ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ތެދުވެރި ހެޔޮލަފާ ބައެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށާއި، ކޮންމެ ކަމެއްގައި ވެސް އިދިކޮޅު ހެދުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ދުވަސްވީ ރަށްވެއްސަކު އެމަނިކުފާނުގެ އަރިހުގައި ދެންނެވި ވާހަކައެއް ހަނދުމަފުޅު ކުރައްވަމުން ރައީސް ވިދާޅުވީ ރަނގަޅު ނިންމުންތައް ނިންމާއިރު ގިނަ ފަހަރަށް އެކަންކަން މީހުން ބަލައި ނުގަންނާނެ ކަމަށާއި އެކަމަކު ދުވަސްކޮޅަކުން އޭގެ ފައިދާ ގަބޫލުކޮށް، އެކަމަށް މީހުން ތާއީދުކުރާނެ ކަމަށެވެ. އަދި ރަނގަޅު ކަންކަމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަކު ގައުމު އިސްކޮށް ކުރާކުރަންޖެހޭ ކަންކަން ފަސްނުކުރުމަށް ދުވަސްވީ އެމީހާ ވެސް އެމަނިކުފާނަށް ނަސޭހަތް ދެއްވި ކަމަށް ވިދާޅުވި އެވެ.