އޭޕްރީލް 26 ގައި ޕަންޖާބުން ހައްޔަރުކުރި އަނުޖް ތަޕަން، 10 އެހެން ގައިދީންނާއެކު ޖަލުގައި ހައްޔަރުކޮށް،ފައިވާއިރު، އޭނާ ބަންދުކޮށްފައި ހުރި ގޮޅި ބަލަހައްޓަން، 4-5 ފުލުހުން ވެސް ތިއްބެވެ. ބުދަ ދުވަހު ހެނދުނު 11:00 ހާއިރު، އޭނާ ވަނީ ފާޚާނާގައި އަމިއްލައަށް މަރުވެފައެވެ.
އަނުޖް ތަޕަންއާއި ސޯނު ސުބްހާޝް ޗަންދަރަކީ އޭޕްރީލް 14 ގައި ސަލްމާން ޚާންގެ މުންބާއީގެ ގެ ކައިރީގައި ބަޑިޖެހި މީހުންނަށް އެހީތެރިވި ދެ މީހުންތެރެއިން އެކަކެވެ. އަނުޖް ތަޕަން އަމިއްލައަށް މަރުވި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، ޖަލުތެރޭގައި ހިނގާ މަރެއް ކަމުގައި ވާނަމަ، އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެކަމަށް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން (ސީ.އައި.ޑީ) ވަނީ ބުނެފައެވެ.
މި ތަހުގީގުގައި، ޖަލުތެރޭގައި މަސައްކަތްކުރާ ހުރިހާ ފުލުހުންގެ ބަޔާން ނަގާނެކަމަށްވެސް ސީ.އައި.ޑީ އިން ބުންޏެވެ. ސަލްމާން ޚާންގެ ގެ ކައިރީގައި ބަޑި ޖަހާފައިވަނީ މި ނިމުނު އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގި ވަގުތު، ދެ މީހަކު ސަލްމާންގެ ގެ ކައިރިން އެ ގެއަށް އަމާޒުކޮށް ބަޑިޖަހަމުން ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމު ވެފައެވެ. މި މައްސަލައާ ގުޅިގެން އަނުޖް ތަޕަންއާ ސޯނު ސުބްހާޝް ޗަންދަރު ކިޔާ މީހަކު އޭޕްރީލް މަހު މުންބާއީ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، މި ހާދިސާގައި ގޭންގް ސްޓާރު ލޯރެންސް ބިޝްނޮއީއާއި އެހެނިހެން ތުހުމަތުކުރެވޭ މީހުންގެ މައްޗަށް މަހަރާޝްޓްރާ އޯގަނައިޒްޑް ކްރައިމް ކޮންޓްރޯލް އެކްޓް (އެމް.ސީ.އޯ.ސީ.އޭ) ގެ ދަށުން ދަޢުވާކުރުމަށް މުންބާއީ ކްރައިމް ބްރާންޗުން ވަނީ ނިންމާފައެވެ.
ސަލްމާން ޚާން ވަނީ 2024 ވަނަ އަހަރު ފޯބްސް މެގަޒިންގެ ފަރާތުން ދުނިޔޭގެ 9 ވަނަ އަށް އެންމެ މުސާރަ ބޮޑު ތަރިއެއްގެ ގޮތުގައި ހޮވައި، 71 ވަނައަށް އެންމެ އާމްދަނީ ބޮޑު ތަރިއެއްގެ މަގާމު ގައިވެސް ހިމަނައިފައެވެ. އޭނާގެ މާލިއްޔަތުގައި ހުރި ފައިސާގެ އަދަދު، 2024 ގެ ނިޔަލަށް 347 މިލިއަން ޑޮލަރަށްވުރެ އިތުރުވާކަމަށް ބެލެވެއެވެ.