ads
ފިނޭންސް މިނިސްޓްރީ
ހަރަދު ކުޑަ ކުރަންވީ ވަގުތު ޖެހިއްޖެ އެވެ.
މެދު އިރުމަތީގެ މަޝްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް މިވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ. ތެޔޮ އިމްޕޯޓް ކުރަން ދަތިވެ، ތެލުގެ އަގު އިންތިހާ ދަރަޖައަށް މައްޗަށް ދިއުމާ ގުޅިގެން ދިވެހިރާއްޖެއަށް ވެސް މިވަނީ އެކަމުގެ އަސަރު އެކި ގޮތްގޮތުން ފޯރަން ފަށާފަ އެވެ.
Advertisement

ސަރަަހައްދުގެ ގިނަ ގައުމުތަކާ ބަލާއިރު ރާއްޖެއަކީ އުފެއްދުންތެރިކަން ދަށް، މާގިނަ އިގްތިސާދީ ފުރުސަތުތަކެއް ފަހިވެފައި ނެތް ގައުމެކެވެ. ދައުލަތަށް މާލީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮންނައިރު، ގައުމުގެ ރައްޔިތުންނަކީ ވެސް އިގްތިސާދީ ގޮތުން ފުދުންތެރި ބަޔެކޭ ދެންނެވޭކަށް ނެތެވެ. ލިބޭ އާމްދަނީއާ އަޅާބަލާއިރު ތަކެތީގެ އަގު ބޮޑުވުމުން ގިނައީ އަނގަޔާ އަތާ ދިމާ ނުވާ މީހުންނެވެ.

މިފަދަ ނާޒުކު ފައްތަރެއްގައި އޮންނަ މި ގައުމުގެ އިގްތިސާދު ބަރޯސާ ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ގައުމު ހިނގަ ހިނގާ ހުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ ޓެކުހާއި އެފަދަ އެހެނިހެން އާމްދަނީ ތަކެވެ. ނަމަވެސް، މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް މިވަނީ އަސަރުކުރަން ފަށާފަ އެވެ. ދުނިޔޭގެ ބާޒާޒުގައި ތެލުގެ އަގު އުފުލި، އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑުކުރަން ފެށުމާއެކު، ދުވާލަކު ގާތްގަނޑަކަށް 2،500 އާއި 3،000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ބުކިން ކެންސަލްކުރާކަން ފާހަގަކޮށްލެވެ އެވެ. ފަތުރުވެެރިންގެ އަދަދު މަދުވެ މި ހާލަތު ދެމިގެންދާނަމަ މިއީ ގައުމުގެ އިގްތިސާދަށް އޮތް ބިރެކެވެ.

މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ ތާށިކަން ބޮޑުވުމާއެކު، ރާއްޖޭގައި ތެޔޮ ވިއްކާ އަގުވެސް މިވަނީ ބޮޑުތަނުން އުފުލިފަ އެވެ. އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން މިވަގުތު 16.01ރ. އަށް ޕެޓްރޯލް ލީޓަރެއް ވިއްކާއިރު، ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 17.54ރ. ގަ އެވެ. އަދި ހަނގުރާމައިގެ ހާލަތު ރަނގަޅު ނުވާ ނަމަ ތެލުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބެލެވެ. ރާއްޖޭގައި މިވަގުތު ފުދޭ މިންވަރެއްގެ ތެޔޮ ރައްކާކުރެވިފައި ހުރި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ އެތެރެކުރުމުގައި ގިނަ ދަތިތަކާ ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކަން މިހެން ހުރުމާއެކު، ބައިނަލްއަގްވާމީ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން މުޅި ގައުމު ތައްޔާރުވާން އެބަ ޖެހެ އެވެ. މިކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ނުދެކި، ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކޮށް ގައުމު އިނދަޖެހުނަ ނުދިނުމަށް އެމީހަކަށް ވީވަރަކުން މަސައްކަތް ފަށަންވީ ވަގުތު ޖެހިއްޖެ އެވެ.

ސަރުކާރުގެ ޒިންމާ!

ހަނގުރާމައާ ގުޅިގެން ސަރުކާރުން ވަނީ މެދު އިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި އޭގެ ސަބަބުން، ދިވެހިރާއްޖޭގެ ސަލަމާތާއި އިގްތިސާދީ ހަމަޖެހުމަށް ކުރާނެ އަސަރު ވަޒަން ކުރުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. މި ކޮމެޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތެޔޮ ލިބޭނެ އެހެން މާކެޓުތައް ހޯދުމާއި، މެދު އިރުމަތީގެ ވައިގެ ސަރަހައްދު ބަނދުވުމުން ދަތުރުފަތުރު ނިޒާމުގެ އެހެން ގޮތްތައް ހޯދުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި ހަނގުރާމަ އެއް މަސް ދުވަހަށް ދިގުލައި ގޮސްފިނަމަ، ރާއްޖެއަށް 85 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމަކާއި ކުރިމަތިލާންޖެހޭނެ އެވެ. މިކަމުން އަރައިގަތުމަށް ބޭނުންވާނެ 100 މިލިއަން ޑޮލަރުގެ ފައިނޭންސް ފެސިލިޓީއެއް ބޭރުގެ މާލީ ދެ އިދާރާއެއް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގައި ވެސް ތެލުގެ އަގު އުފުލިފައިވާކަން ފާހަގަކުރައްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ، ރާއްޖެ މިވަނީ "ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" ކަމަށެވެ. އަދި މިވަގުތު ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒު ވެއްޖެ ނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަނގުރާމައިގެ މި ހާލަތާ ގުޅިގެން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ސަރުކާރުން މިހާރުން މިހާރަށް ހަރަދު ކުޑަކުރުމުގެ ވަރުގަދަ ސިޔާސަތެއް ތަންފީޒުކުރަން އެބަ ޖެހެ އެވެ. އެގޮތުން ސީދާ ރައްޔިތުންނާ ގުޅިފައިވާ އަސާސީ ތަކެއްޗާއި ހިދުމަތްތަކަށް ފިޔަވައި އެހެނިހެން ކަންކަމަށް ކުރާ ހަރަދުތައް މަދުކުރަން ޖެހެ އެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުން ފަދަ ކަންކަމަކީ ވެސް ހަރަދު ބޮޑުވާން މެދުވެރިވާނެ ކަންކަމެވެ.

ރައްޔިތުންނަށް ކުރެވޭނީ ކޮން ކަމެއް؟

ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވެދާނެ ދަތި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުން އަމިއްލައަށްވެސް ކުރެވިދާނެ ކުދިކުދި ކަންކަން އެބަހުއްޓެވެ. އެގޮތުން ތެލުގެ އަގު އުފުލިފައިވުމުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތަށް ފިޔަވައި އެެހެނިހެން ދަތުރުތަށް މަދުކުރުމާއި، ސައިކަލާއި ކާރު ފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކޮށް، އޭގެ ބަދަލުގައި ގިނަ ވަގުތު ފައިމަގުގައި އުޅުމަކީ ވެސް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމެވެ. ހަމަ އެހެންމެ، ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރުމަކީ ވެސް މިވަގުތު ނުހަނު މުހިންމު ކަމެކެވެ.

ހަނގުރާމައިގެ ހާލަތާ ގުޅިގެން، އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި، އުންމީދީ ވިސްނުމަކީ މުހިންމު ކަމެއް ނަމަވެސް ފިކުރީ ތެދުވެރިކަމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެއް ކަމުގަ އެވެ. އެހެންކަމުން ގައުމުގެ ހާލަތު އަމިއްލަޔަށް ގަބޫލުކޮށް، ހަމައެކަނި ބޭރުގެ ފަރާތްތަކުން ލިބޭނެ އެހީއަކަށް އުންމީދު ކުރުމަށްވުރެ، މިހާރު އަތުގައި އޮތް އެއްޗަކުން ބުއްދިވެރިކަމާއެކު މެނޭޖްކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ޒިންމާދާރުކަމާއެކު ރޭވުމާއި ތައްޔާރުވުމަކީ ޔަގީންކަމެއް ނެތް ވަގުތުތަކުގައި އަބަދުވެސް ރަނގަޅު ގޮތްތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖެއަށް ވަރަށް އަވަހަށް ގިނަ ދާއިރާތަކަށް ފޯރާނެ ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި މި ހަނގުރާމައަކީ އަޅުގަނޑުމެންގެ ކޮންޓްރޯލުން ބޭރުގައިވާ ކަމެއް ނަމަވެސް، ގައުމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކޮށް ކުރިޔާލާ ކަންކަން ރާވައި، ހާލަތު ދަތިވުމުގެ ކުރިން ޒިންމާދާރުކަމާއެކު ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށް ފިރާގު ވަނީ ވިދާޅުވެފަ އެވެ.

ކަން މިހެން ހުރުމާއެކު، ގައުމުގެ އިގްތިސާދު އިތުރު އަނދަވަޅަކަށް ވެއްޓުމުން ސަލާމަތްކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މިވަނީ މަޖުބޫރުވެފަ އެވެެ. ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ގައުމުގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައުމުގެ ފުރުސަތު އޮތްއިރު، މެދު އިރުމަތީގެ ހާލަތު އަމާންވެ، ވިޔަފާރީގެ ކަންކަން ހަމައަކަށް އެޅޭނެ ދުވަހެއް ލަފާކުރާކަށް ވެސް މިވަގުތު ނޭގެ އެވެ. އެހެެންކަމުން ގައުމުގެ ކަންކަން ބޮއްސުންލައިގެން ދިޔަ ނުދިނުމަށްޓަކައި، މިހާރުން ފެށިގެން ހަރަދު ކުޑަކުރުމަށް އެކި ގޮތަގޮތުން މަސައްކަތް ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;