ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) މައުލޫމާތު ދިން ގޮތުގައި، މީޑިއާނެޓް އަދި ބައިސްކޯފް ފަދަ ޕްލެޓްފޯމުތަކުގައި ސްޓްރީމްކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ފިލްމުތައް މިހާރު ޑާކް ރެއިން އެންޓަޓެއިންމެންޓް އަދި ޑީއާރްއީ މޫވީސް ޕްލަސް ޔޫޓިއުބް ޗެނަލުން އެއްވެސް ފީއަކާ ނުލައި ބެލުންތެރިންނަށް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން މޮގާ ފާހަގަކުރި ގޮތުގައި ކުރިން ޔޫޓިއުބަށް ދޫކޮށްލާފައިވާ ދިގު ފީޗާ ފިލްމުތަކާއި ކުރު ފިލްމުތައްވެސް މި ދެ ޗެނަލުން ފެންނަން ހުންނާނެއެވެ.
“މާމުއި” އާ ހަމައަށް ނުކުތް ބޮޑެތި ފީޗާ ފިލްމުތަކާއި، އޭގެ ފަހުން ގެނެސްދިން “ދައުވަތު” ކަހަލަ ފިލްމުތަކުގެ އިތުރުން، ޑާކް ރެއިންގެ ހުރިހާ ކުރު ފިލްމުތަކެއްވެސް މިހާރު މި ޗެނަލްތަކުން ބެލުންތެރިންނަށް ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
މި ފިލްމުތަކުގެ އިތުރުންވެސް ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމުތައް ޔޫޓިއުބަށް ދޫކޮށްލާނެކަން ހާމަކުރަމުން މޮގާ ބުނީ، މާ ލަސްތަކެއް ނުވެ ފީޗާ ފިލްމު “އަލިފާން” މި ފިލްމުވެސް އެ ދެ ޗެނަލްގެ ތެރެއިން ޗެނަލަކަށް ރިލީޒްކުރާނެ ކަމަށެވެ.
ފިލްމުތައް ހިލޭ ބަލައިލެވޭގޮތަށް ޔޫޓިއުބަށް ދޫކޮށްލަން ނިންމި މައިގަނޑު ސަބަބާ ގުޅޭގޮތުން މޮގާ ބުނީ، ބައެއް ފަރާތްތަކުން ޑާކް ރެއިންގެ ފިލްމުތަކުގެ ވަގު ކޮޕީތައް ހަދައިގެން ޔޫޓިއުބަށް އަޅަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.
އަދި އޭގެ ބަދަލުގައި، ފިލްމުތަކުގެ އަސްލު އޮރިޖިނަލް ކޮލިޓީގައި އެ ޕްރޮޑަކްޝަންގެ ރަސްމީ ޕްލެޓްފޯމުން ބެލުންތެރިންނަށް ބަލައިލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ މި ފިޔަވަޅު އެޅި މުހިންމު ސަބަބެއް ކަމަށް އޭނާ ފާހަގަކުރިއެވެ.