ads
ރ. އުނގޫފާރުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރ. އުނގުލު
އެހެން ރަށްރަށުގެ މީހުންނަށް ދަތިކުރުމުގެ ނިޔަތެއް ނެތް: އުނގޫފާރު ކައުންސިލް
ރ. އުނގުލަށް އަރާ ފޭބޭނީ ހަމައެކަނި އެ އަތޮޅު އުނގޫފާރު މީހުންނަށް ކަމަށް ކަނޑައެޅީ އެހެން ރަށްރަށުގެ މީހުންނަށް ދަތިކުރުމުގެ ގޮތުން ނޫން ކަމަށް އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން، ރ. އުނގުލަކީ އުނގޫފާރުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމުންް، އުނގުލަށް އެރޭނީ ހަމައެކަނި އުނގޫފާރު މީހުންނަށް ކަމަށް އެރަށު ކައުންސިލުން ނިންމި ނިންމުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސީއެންއެމް" އަށް ވިދާޅުވީ، އުނގުލަށް އެހެން ރަށްރަށުގެ މީހުންނަށް ނޭރޭ ގޮތަށް ހަމަޖެއްސީ، އެ ރަށާކީ އުނގޫފާރުގެ ބައެއް ކަމަށް ވެފައި، ރަށް ބެލެހެއްޓުމުގައި އިދާރީ ގޮތުން ފަސޭހަ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ގިނަ ބަޔަކު އުނގުލަށް އެރުމަށް އެދެމުންދާއިރު، އެ ރަށަށް ލިބޭ ކޮންމެ ގެއްލުމަކަށް ކައުންސިލުން ޒިންމާވާންޖެހޭނެތީ ވަގުތީގޮތުން އެގޮތަށް ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި އެހެން ރަށްރަށުގެ މީހުންނަށް ދަތިކުރުމުގެ ނިޔަތުގައި ނިންމި ނިންމުމެއް ނޫން ކަމަށެވެ.

"ކައުންސިލްގެ ދައުރު ހަމަވާތީ، ރަށު މީހުން ދާން އެދޭލެއް ވެސް ގިނަވީމަ އެ ރަށަށް އަރާ ފޭބުމަށް އުސޫލެއް ކަނޑައެޅީ ވަގުތީގޮތުން. ސީދާ ކައުންސިލްގެ ނިންމުމެއް ނޫން އެއީ އިދާރީ ގޮތުން ނިންމި ނިންމުމެއް. އެހެން ރަށްރަށު މީހުން އެ ރަށަށް އެރުން މަނާކުރުމުގެ ގޮތުން ނިންމި ނިންމުމެއް ވެސް ނޫން އެއީ." ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެ ނިންމުން ގާނޫނުތަކާ ފުށޫއަރާތީ، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މިހާރު ނިންމުން ބަދަލުކޮށްފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އިދާރީ ގޮތުން ނިންމާ ނިންމުމަކާ ގުޅިގެން މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން އިސްލާހުކުރަން ޖެހޭނެ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމުގައި ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލްގެ ނިންމުމާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެފައިވަނީ އުނގުލަށް އެހެން ރަށްރަށުގެ މީހުންނަށް ނޭރޭ ގޮތަށް ނުހެދޭނެ ކަމަށެވެ. އެހެންނަމަވެސް އެ ރަށަށް އަރާ ފައިބާނެ އުސޫލެއް ކަނޑައެޅުން މުހިންމު ކަމުގައި މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

އުނގޫފާރު ކައުންސިލުން މީގެކުރިން ނިންމީ އުނގުލަށް އަރާ ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި، ރަށްވެއްސަކާއި ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ ދަރިންނަށް އެކަނި ކަމަށެވެ.

އުނގޫފާރު ކައުންސިލުން ބުނި ގޮތުގައި އުނގުލަށް އެރުމަށް ހުއްދައަށް އެދެން ޖެހޭނީ އެ ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށެެވެ. ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑިއަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އަދި ހުއްދައަށް އެދޭ ފަރާތްތަކަށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 އާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް އުނގުލަށް އެރުމުގެ ފުރުސަތު ދިނުމަށް އުނގޫފާރު ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެހެންކަމުން އުނގޫފާރު ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއްކަމަށާއި، އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެކަމަށް ކައުންސިލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;