މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވާ، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގަރާރު ފާސްވީ ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ.
އެ ގަރާރުގައި ގޮވާލާފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔުމަށެވެ. އެމްޑީޕީގެ އެ ޑިމާންޑަށް ސަރުކާރުން އަމަލުނުކޮށްފި ނަމަ، އެހެން ޕާޓީތަކާއި ޖަމިއްޔަތަކާ ގުޅިގެން މުޒާހަރާ ކުރަން ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
މަހްފޫޒް ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި އެވެ. ޝާހިދު ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.
މަޝްރޫއޫގެ ކަންބޮޑުވުންތައް ފާހަގަކޮށް ގަރާރުގައި ބުނީ، ރަސްމާލެ ބިނާ ކުރުމަށް ހިއްކަމުންދާ ކ. ފުށިދިއްގަރުފަޅު ހިއްކަމުން ދަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށާއި އެއްވެސް ފީއެއް ނެތި ދިގު މުއްދަތަކަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދިގު މުއްތަކަށް އީގަލް ހިލްސްއަށް ދިނުމަކީ "ރައްޔިތުންގެ ފައިސާއަށް ވާ ހިޔާނާތެއް" ކަމަށެވެ. އަދި މި މަޝްރޫއު ހިންގުމަށް ސަރުކާރުން އީގަލް ހިލްސް ކުންފުނި ހިޔާރުކޮށްފައިވަނީ "ގާނޫނީ އުސޫލުތަކުގެ ބޭރުން" ކަމަށް ވެސް ބުނެފައިވެ އެވެ.
ގަރާރުގައި ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މައިގަނޑު ނުވަ ކަމަކަށް ގަރާރުގައި ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަންމުގެ ތެރޭގައި ހިމެނެނީ:
މިކަމާ ގުޅިގެން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް
އެ ވޯޓުގެ ނަތިޖާގެ ކުރިން މި މަޝްރޫއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގުމަށް
މި މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށް
މި މައްސަލައިގައި އޮތް ނުރައްކާ ބުނެދިނުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ރާވައި ހިންގުމަށް
މިކަންކަމަށް ސަރުކާރުން އިޖާބަނުދޭ ނަމަ، އެމްޑީޕީ އިސްވެ އޮވެ، ސީދާ ހަރަކާތަށް ނުކުތުމަށް؛ އަދި މި ހަރަކާތާ ގުޅުމަށް އެދޭ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްުޔާތަކާއި ފަރުދުން ބައިވެރިކުރުމަށް
ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ހަވާލާދީ ގަރާރުގައި ވަނީ، އެ މާއްދާގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެައް ބޭރުގެ ފަރާތްތަކަށް މިލްކުކޮށެއްނުދެވޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ނިމުމެއްނެތް 99 އަހަރަށް ތަަންތަން ކުއްޔަށް ދެވޭ ގޮތަށް އޮތުމަކީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދާއިމަށް އެތަނުގެ މިލްކުވެރިކަން ލިބި، ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ގާއިމްވެގެން ދިއުން ކަމުގައި ބެލެނޭ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މި ގަރާރު ފާސްކުރިއިރު، ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވީ މިހާރު އެމްޑީޕީން ފެންނަނީ ބޭރު މީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށި، ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންތައްތައް ކުރިއަށް ވުރެ ބޮޑަށް ބަލައިގަންނަމުންދާ ތަން ކަމަށާއި އެއީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން ކަމަށެވެ.
މިރޭ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ނަޝީދުވަނީ އީގަލް ހިލްސްއަށް ދޭން ތާއީދުއޮތްކަން ހާމަކޮށްފަ އެވެ.
ރަސްމާލޭގައި އީގަލް ހިލްސް އިން ކުރިއަށް ގެންދާ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ އިޒްރޭލު މީހުންނަށް ރާއްޖޭން ޕްރޮޕަޓީ ގަތުމަށް ހުޅުވާ ދޮރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައީސް މުހައްމަދު މުއިއްޒާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވެސް ވަނީ ރައްދު ދެއްވައިފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލު އެއްވެސް މީހަކަށް އެތަނުން ފުރުސަތެއް ނުލިބޭނެ ކަމަށާއި އެމީހުންނަށް އެތަނުން އެއްވެސް އިންވެސްޓްމެންޓެއް ގަނެ، ހޯދުން ގާނޫނުން މަނާވާނެ ކަމަށެވެ.
އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިޒްރޭލުގެ ބާރު ހިނގާ އެއްވެސް ކުންފުންޏަކަށް ނޫނީ ފަރާތަކަށް ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތެއްގެ ގޮތުގައި ނުވަތަ ހަގީގީ މަންފާ ލިބޭ (ބެނެފިޝަލް އޯނާ) ފަރާތެއްގެ ގޮތުގައި ނޫނީ ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ފައިނޭންސްކުރާ މީހެއްގެ ގޮތުގައި ނުވަތަ ވިއްކާ އޭޖެންޓެއްގެ ގޮތުގައި ވެސް ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވެސް ވަނީ ވިދާޅުވެފަ އެވެ.
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން އެ ކުންފުންޏާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫއު ހިންގަން ރަސްމާލޭގެ 500 ހެކްޓަރު އެ ކުންފުންޏަށް ދޫކުރަން ސަރުކާރުން ނިންމާފައި ވާއިރު އެ އެއްބަސްވުމާ މެދު ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެ މަޝްރޫއު ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހަދާފައިވާ ވީޑިއޯއަކާ އެކު އިންސްްޓަގްރާމްގައި އާއްމުކުރެއްވި މެސެޖެއްގައި އަލައްބާރު ވިދާޅުވީ އެ މަޝްރޫއު ހިންގަން ލިބުމަކީ އޭނާގެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ. ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ދިވެހިންގެ އުއްމީދާ އެއްގޮތަށް މަސައްކަތްކުރާނެ ކަމަށް ވެސް މެސެޖްގައި އޭނާ ވިދާޅުވި އެވެ.
ރަސްމާލެ ވޯޓާ ފްރަންޓު އެންޑް މެރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ސޮއިކޮށްފައި އޮތީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހާ ދިމާކޮށް ސޮއިކުރުމަކީ އުއްމީދެއް ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވަނީ ވިދާޅުވެފަ އެވެ.
އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި
މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ
އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ
މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި
އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ