މާކިން:ވަރަށް ފަސޭހަ ސުވާލެއް.. ވަކި ގަޑިތަކެއްގައި އަހަރެން ވަންނާނީ ފާހާނާތަކަށް.. މާ ގިނަ ވަގުތު ފާހާނާގައި ހޭދަކުރާ މީހުން ފާޙަގަ ކުރާނަން.. އެމީހުންގެ ކަނދުރާއަށް އަހަރެން ފުމޭނަން.. ކަންފަތް ބުޑުގައި އެކި އަޑުއަޑުން އެއްޗެހި ބުނާކަން އެމީހުންނަށް އިހްސާސް ކުރުވާނަން.. ފާހާނާގައި ފޯނު ބޭނުންކުރާ މީހުން ސިއްސުވާނަން.. އެމީހުން ދާ ތަންތަނަށްވެސް ފަހަތުން ދާނަން.. ލިބިފައިވާ ރޫހާނީ ބާރު ފުރިހަމައަށް ބޭނުން ކުރާނަން..
ސާމިރާ:އޭ މާކިން.. ހުއްޓާލާ! ޓޫ މަޗް..! ފޮނި ނުކަނޑާ.. ބާރެއް ހުރި މީހެއްނަމަ ފޯރި ހުރީސް ތާ ދޯ!
ކަޝިޝް:މެންދަމުގެ ވަގުތުގައި، އެމީހެއްގެ ފޯނުން އެމީހަކަށް އަހަރެން މެސެޖްކުރާނީ.. ވަރަށް ބިރުދައްކާނަން.. ބައެއް ފަހަރު އެމީހެއްގެ ފަހަތުގައި، ބައެއް ފަހަރު އެމީހެއްގެ ކުރިމަތީގައި ހުރި ކަމަށްވެސް ބުނާނަން.. އެމީހެއްގެ ފޯނު ބާއްވާނީ އަހަރެންގެ ކޮންޓްރޯލްގައި.. މެންދަމުގެ ގަޑިތަކާއި ދެ ނަމާދު ދޭތެރެ އާއި އަނދިރި ކަމުގައި އިންސާނުން އުޅޭ ވަގުތުތައް އަހަރެން ބަލާނަން.. އަދި އިންސާނުން ނިކަމެތިވެ، ބަލިކަށިވާ ވަގުތުތަށް އަހަރެން ދެނެގަންނާން.. ޓާގެޓް ކުރާ މީހަކު، ފިއްކަނޑުވާލާނަން!
ރާނިއާ:ހެޔޮނުވާނެ ކަލޭމެން އެންމެން ނިދާ.. ކިޔަވަން ބޭނުންވާ ބަޔަކުވެސް މި ގްރޫޕުގައި އުޅެފާނެ.. ބިރުވެރިކަމުގެ ތެރޭގައި ކިޔޭ ނުކިޔޭ އެއްޗެއްވެސް ކަލޭމެންނަކަށް ނޭގެ.. ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ..
އައިމާ:ރާނިއާ..! ކަލެއަކީ މައުލޫމާތާއި އިބްރަތުން އަހަރުމެން ބިރުގަންނަވަން އުޅޭ މީހެއް.. ތިކަހަލަ ދިރިއުޅުމެއް އަހަރެން ބޭނުމެއް ނޫން.. ތަންކޮޅެއް ޗިލް ވާން ދަސްކޮށްބަލަ..
އައިމާގެ ބުނެލުމުން އަސްނާގެ ހަރަކާތްތަކަށް ބަދަލު އައެވެ.
ގްރޫޕުގެ ވަގުތުތަށް މިހައި ހިސާބަށް އައިއިރު ޗެޓް ލޮގް ތެރެއިން އަސްނާގެ ނަން މާ ގިނައިން ނުފެނުނަސް ދެތިން ފަހަރަކު އެ ނަން، އެކުދިން ބޭނުން ކުރި އެވެ. ވާހަކަތަކާއި ގޭމްގައި އަސްނާގެ ބައިވެރިވުމަށް އެއްވެސް ކުއްޖަކު މަޖުބޫރެއް ނުކުރެ އެވެ.
އަސްނާއަށް އިހްސާސް ކުރެވެމުން ދިޔައީ މިވަގުތު އޭނާ އަކީ، ފުރެންދެން އެކުވެރިން ތިބި ކޮޓަރިއެއްގައި ހިމޭންކަމާއެކު މަންޒަރު ބަލަން އިން ހަމައެކަނި ނަފުސުގެ ގޮތުގައި އެވެ. އޭނާގެ ވަށައިގެން ހޭ އަޑު އިވެ އެވެ. ނަމަވެސް ގަދަ އެ އަޑުން އޭނާގެ ބޮލަށް މިރޭ އުނދަގުލެއް ނުވި އެވެ.
'ކަސްތަޅު'ގައި ބުނެދޭން ނޭގޭ ހިމޭން ކަމެއް އޭނާގެ ސިކުނޑިއަށް ބާރު ފޯރުވައިފި އެވެ.
ފޯނުގެ އަލިކަން ކުއްލިޔަކަށް ފަނޑުވެއްޖެ އެވެ.
ދެން ފެނުނީ..
މުޅީން ތަފާތު ކަމެކެވެ.
ކުއްލިޔަކަށް މި ދިމާވީ ސިކުނޑީގެ މައްސަލައެއްތޯ ނުވަތަ ލޮލުގެ މައްސަލައެއްތޯ ސުވާލު އުފެދުނެވެ.
ދެ ބުމަ ދޭތެރެއަށް ރޫ އަރުވާލާފައި، ތަފާތު ނަޒަރަކުން ފޯނުގެ ސްކްރީނަށް ބަލައިލި އެވެ.
ހޯދަމުން ދިޔައީ ދާދި ދެންމެ ދެކެވުނު ވާހަކަ އެކެވެ.
އެއީ ކަޝިޝްގެ ކޮމެންޓެކެވެ.
މެންދަމުގެ ވަގުތުތަކާއި އިންސާނުންނާއި ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކެކެވެ. ހަރަކާތް އަވްސަކޮށްލާފައި
ސްކްރޯލް ކުރަމުން ދަނިކޮށް އެ ކޮމެންޓް ފެނިއްޖެ އެވެ.
ނަމަވެސް އެއިރާ، މިހާރު މުޅިން ތަފާތެވެ.
؟؟؟?????ކަޝިޝް:
އަސްނާގެ ނިއްކުރި ފުރިގެން ދިޔައީ ބޮނޑިކުރެވުނު ރޫ ތަކުންނެވެ.
ދެ ބުމަ ގޮށްޖެހިއްޖެ އެވެ. ނިއްކުރިއަށް ބާރެއް އަރައިފި އެވެ.
ތަކުރާރުކޮށް އެ މެސެޖަށް ފިއްތައިފި އެވެ. ނުހުޅުވުނެވެ.
ކުރިން ހުރި އެންމެ އަކުރެއްވެސް ނުފެނުނެވެ.
އެކަމަކު 'އެޕް' ގައި މައްސަލައެއް ނެތެވެ. މެސެޖެއް ނުކިއުނެވެ.
އެ ސްލޮޓް ރޫރޫއަޅަން ފަށައިފި އެވެ.
ފެންނަނީ ކޮޅުކޮޅަށް އެނބުރެމުންދިޔަ ސުވާލު މާކް ތަކެކެވެ.
ތިރިއަށާއި މައްޗަށް ސްކްރޯލް ކުރަން ފަށައިފި އެވެ.
ކަޝިޝްގެ ކޮންމެ މެސެޖެއް ފެންނަނީ ކޮޅުކޮޅަށް އެނބުރެމުން ބަދަލުވަމުންދާ ސުވާލު މާކުތަކެއްގެ ގޮތުގައި އެވެ.
؟؟??؟؟??ކަޝިޝް:؟؟؟
ކަޝިޝްގެ މެސެޖްތައް ފިޔަވައި އެހެން އެއްވެސް މީހެއްގެ މެސެޖަކަށް ބަދަލެއް ނާދެ އެވެ. އެހެން އެންމެން ފޯރިއާއެކު ވާހަކަދައްކަމުން ކުޅުމުގައި ފޯރި ނަގަނީ އެވެ. ކަމެއް ގޯސްވާ ކަމުގެ ލިސާނެއްވެސް އެއިން ދިމާއަކުން ފާހަގައެއް ނުކުރެވެ އެވެ.
ސާމިރާ:ގައިޒް... އަހަރެން މިރެއަށް މި ނިންމާލީ.. އަހަރެންގެ ބުޅާ، ބޮކި ނިއްވަނިއްވާފައި ޖައްސާވަރުން ވަރަށް އުނދަގޫވެއްޖެ.. މިފަހަރު ނިއްވާލި ގޮތަށް ނުވެސް ޖެއްސި.. ޖައްސަން ނޭގުނީ ކަންނޭ..
ފިޔާތޮށި ކުލައިގެ ހިތްތަކަކާއި ދެ ލޮލުން ކަރުނަ ފައިބާ އިމޯޖީތަކެއް ގްރޫޕަށް ސާމިރާ ފޮނުވައިލި އެވެ.
ރާނިއާ:ގުޑް ނައިޓް
މާކިން:ސާމިރާ ވިސްނައިގެން އުޅޭތި.. ބަދަލު ހިފާނަން..!
ދެކެވެމުންދިޔަ ވާހަކަތައް ވަރަށް ސީރިއަސް އެވެ. ބަދަލު ނައީ ވިސްނުމާއި ފިކުރާތަށެވެ.
އަސްނާގެ ނުތަނަވަސްކަން ގުޅިފައި ވަނީ އެންމެ މިސްރާބަކަށެވެ.
ސްކްރީންގެ މެދުގައި އިނގިލި ތަތްކޮށްލެވިފައި ވަނީ ސަބަބެއް އޮތީތީ އެވެ.
އެއީ ކަޝިޝްގެ ނަމެވެ.
ކަޝިޝްގެ އިބާރާތް ތަކެއް ނޫނެވެ. ހަމައެކަނި އޭނާގެ ނަމަށެވެ.؟
އަތުގައި އޮތް ފޯނު ވައިބްރޭޓް ވެއްޖެ އެވެ.
ގްރޫޕުގެ ނިޝާން ފިޔަޖަހައިލި އެވެ.
ނޮޓިފިކޭޝަން ބުނާ ގޮތުން ކަޝިޝް އޮންލައިނެއް ނޫނެވެ. އޮފްލައިން ވެއްޖެ އެވެ.
ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނީ ކިހައި އިރަކު ކަމެއް ނޭގެ އެވެ. ކަޝިޝްގެ މެސެޖު ބަދަލުވެގެން ދިޔަ ގޮތް އޭނާގެ ލޮލަށް ގަބޫލެއް ނުކުރެވުނެވެ.
އޭނާގެ ބައިވެރިވުމެއް މި ތަނުގައި އޮތްކަމުގެ ނިޝާނެއްވެސް މިހާރު ނެތީ އެވެ.
ކަމުގެ ހަގީގަތާއި ހިސާބަށް ސިކުނޑި ދަތުރެއް ނުކުރި އެވެ.
ހަމައެކަނި ކަޝިޝްގެ ނަމާއި އޭނާގެ ބައިވެރިވުން ވުޖޫދުން ގެއްލިގެން ހިގައިދާނެ ހެއްޔެވެ؟
ނޫނީ... ފަހަރެއްގައި..
'ބޭނުން ކުރަމުން ދިޔަ އެޕް' ގައި މައްސަލައެއް އުޅެނީ އެވެ. އަމިއްލަ ނަފުސަށް ވިސްނައި ދިނުމަށް އެ އިބާރާތް އަސްނާ ބޭނުންކުރި އަދަދެއް އޭނާއަށްވެސް ނޭގެ އެވެ.
އަތުގައި އޮތް ފޯނު، އެނދުގެ ވާތް ފަރާތު އެއްކައިރީގައި ހުރި 'ސައިޑު ޓޭބަލް'މަތީގައި ބޭއްވި އެވެ.
'ޔަގީނުންވެސް ހެނދުނަށް އެކަން ރަގަޅުވާނެ.. އެއީ ފޯނުގެ މައްސަލައަކުން ދިމާވި ކަމަކަށް ވާނީ' އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން އަސްނާ ބުނެލި އެވެ.
އެ ބުނެލުމުގައި ޔަގީންކަމެއް ނެތެވެ.
އެ އަޑުގައި ޖޯޝެއް ނެތެވެ. (ނުނިމޭ)