ads
އަނބީންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަތިވެރިކަން!
ކައިވެންޏަކީ ވަރަށް މަތިވެރި އަހުދެކެވެ. ކައިވެނީގެ މަތިވެރި ގުޅުން ފަށާނެގޮތާއި ބާއްޖަވެރިކުރާނެ ގޮތް ގުރްއާނާއި ސުންނަތުން އެނގެން އެބައޮތެވެ. އެކަމަކު، މިގޮތަށް މިކަން އޮތަސް ކައިވެންޏަކަށް ފަހު ދިރިއުޅުމުގައި މާބޮޑަށް ބިޒީވެ އެކަކު އަނެކަކަށް ވަގުތު ނުދެވުމުގެ ނަތީޖާއަކީ ކައިވެނީގައި މައްސަލަތައް ފެންމަތިވުމެވެ. އެކަކު އަނެކަކު ދެކެ ފޫހިވުމާއި އެކަކު އަނެކަކުގެ ހައްގުތައް ވެސް އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ މަންޒަރު ފެނިގެންދެ އެވެ.

އަޅުގަނޑުމެންގެ މުޖުތަމައު ތެރޭގައި މިހާރަކަށް އައިސް ކައިވެނީގެ ގުޅުން އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓިގެންދާ މަންޒަރު ފެނިގެން ނުދާއިރު މިކަމުގެ ސަބަބުން އިންތިހާއަަށް ވަރި ގިނަވެ އެވެ. ދަރިން ބިކަވެ ހާލުގައި ޖެހޭ މިންވަރު އިތުރެވެ. 

ރަނގަޅު ޒަވާޖީ ހަޔާތެއް ފެށުމަށްޓަކައި އެކަކު އަނަކަކަށް ކުރާ އިހުތިރާމާ ގަދަރު އިތުކުރަން ޖެހެ އެވެ. މައްސަލައެއް ޖެހޭއިރަށް ވަރިއާ ހިސާބަށް ދިއުމުގެ ކުރިން އެކަމެއްގައި ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހެ އެވެ. 

ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުހިއްމު ބިންގާ ކަމުން މި ބިންގާ ސީދާކޮށް އެޅުމަކީ މުހިއްމު ކަމެކެވެ. ކައިވެންޏެއްގެ ބޭނުމަކީ އާއިލާއެއް އުފައްދާ ހެޔޮލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމާއެކު ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާތަކަށް ރައްކާތެރިވެ އުފާވެރި ހަމަޖެހޭ އާއިލާއެއް އުފެއްދުމެވެ. އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުވެ ދެމިއޮންނާނެ ހަމައެކަނި މަގަކީ ކައިވެނީގެ މަގެކެވެ. 

ކައިވެންޏެއް ދެމި އޮންނާނީ ފިރިމީހާ އާއި އަނބިމީހާ ވެސް ދެމީހުންގެ ބޮލުގައި އެޅިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެންނެވެ. ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި އަނބިމީހާގެ ހައްގުތައް ރައްކާތެރިކޮށް ލޯތްބާއި އަޅާލުން ދިނުމަކީ ފިރިމީހާގެ މައްޗަށް ވެސް އޮތް ވާޖިބެކެވެ. ދިރިއުޅުން ބާއްޖެވެރި ކުރެވޭނީ ދެމީހުންގެ ހައްޤުތައް ވެސް ފުރިހަމައަށް އެކަކު އަނެކަކަށް އަދާކޮށް އިހްތިރާމްކޮށް އަޅާލައިގެންނެވެ.

އަންހެންނުން ބެލެހެއްޓުމުގެ ޒިންމާއާއި އެކަނބަލުންނަށް ހަރަދުބަރަދު ދިނުމުގެ ޒިންމާ ފިރިހެނުންނާ ހަވާލުކުރައްވައި ﷲ ވަހީކުރައްވާފައިވެ އެވެ. ((الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ))  النساء: ٣٤ މާނައީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެބައިމީހުންގެ އެއްބަޔެއްގެ މައްޗަށް އަނެއް ބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކަ އެވެ. އަދި، އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކަ އެވެ،”  

މާތްﷲ ސުބުޙާނަހޫ ވަތައާލާ ވަހީކުރެއްވި އިތުރު ބަސްފުޅެއްގެ މާނައިގައިވެ އެވެ. “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ.” އަދިވެސް ވަހީކުރައްވާފައިވެ އެވެ. ((هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا)) الأعراف: ١٨٩ މާނައީ: “އެއިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުން، އެ ނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ،”

ކައިވެނިކުރުމަށް އިސްލާމްދީން ބާރު އަޅާއިރު އެކަކު އަނެކަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ދެމިތިބެންޖެހެ އެވެ. މިއީ ބަރަކާތްތެރި ރަމަޟާން މަސް ނަމަވެސް މިމަހުގެގައި ވެސް މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަން ޖެެހެ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވާ ގޮތުގައި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމުގެ އިތުރުން ޒަކާތް ދިނުމާއި ނުބައި ފާފަތަކުން ދުރުވުމުގެ އިތުރުން މި މާތް މަސްއަރުގައި ވެސް ރޭގަނޑު އަނބިންނާއެކު ވަގުތު ހޭދަކުރުމަކީ އަޅުކަމުގެ ބައެއް ކަމަށެވެ. 

އަނބީންނަށް ހެޔޮކޮށް ހިތުމާބެހޭގޮތުން، ކީރިތި ގުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ “އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!” (ނިސާއު ސޫރަތުގެ 19 ވަނަ އާޔަތުގެ މާނަ) މި ބަސްފުޅުން ވެސް ދޭހަވަނީ، އަނބީންގެ ހައްގުތައް އަދާކޮށްދީ ހެޔޮގޮތުގައި ދިރިއުޅުމުގެ މުހިންމު ކަމެވެ.

މިހެންކަމުން އަހަރެމެން އެންމެނަކީ ވެސް އެކަކު އަނެކަކަށް އިހުތިރާމުކޮށް އެކަކު އަނެކަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރު އަޅައި ބަޔަކަށްވުން ވަރަށް ވެސް މުހިއްމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް