ރާއްޖޭގެ ހިއްސާގެ ބާޒާރުގައި 27 މާރިޗު 2026 ވަނަ ދުވަހާ ހަމައަށް، ލިސްޓުކޮށްފައިވާ ހުރިހާ ސެކިއުރިޓީޒްތަކެއްގެ މާކެޓް ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބޯނަސް ހިއްސާ ދޫކުރުމަށާއި ޝެއާ ސްޕްލިޓް (ހިއްސާ ބައި ކުރުން) ފާސްކުރުމާއެކު، މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 62 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މާކެޓް އަގަށް އައި މި ބޮޑު ބަދަލަކީ މުޅިންހެން ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން އައި ބަދަލެއްކަން ފާހަގަކުރެވެ އެވެ.
ބީއެމްއެލްގެ މާކެޓް ކެޕިޓަލައިޒޭޝަން މިމަހު 27 ގައި ހުރި 3.6 ބިލިއަން ރުފިޔާއިން، މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް 31.97 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއާއެކު އެ ބޭންކް ވެފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށެވެ.
ބީއެމްއެލުން ބުނީ، މާކެޓަށް އައި ބަދަލު ގުޅިފައިވަނީ ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމަށް މަގުފަހިވެ، ލިކުއިޑިޓީ އިތުރުވުމާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ބީއެމްއެލްގެ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ އެވްރެޖް މާކެޓްގެ އަގު ހުރީ ގާތްގަނޑަކަށް 800 ރުފިޔާގައި ކަމަށާއި، ނަމަވެސް، ބޯނަސް ހިއްސާ ދޫކުރުމަށާއި، ހިއްސާ ބައިކުރުމަށް ނިންމުމަށްފަހު، ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓު އަގު މިހާރު ވަނީ ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެފައި ކަމަށް، ބީއެމްއެލުން ބުންޏެވެ.
މިއީ، ނިސްބަތުން މި ނިންމުމުގެ ކުރިން ގަނެވިއްކުމުގެ މުއާމަލާތްތަކުގެ އަގަށް ބަލައިފިނަމަ، ގާތްގަނޑަކަށް 650 އިންސައްތައިގެ މާކެޓު އަގުގެ ކުރިއެރުމެއް ކަމަށް، ބޭންކުން ގަބޫލުކުރެ އެވެ.
މި ބަދަލުގެ ސަބަބުން މިހާރު ތިބި ހިއްސާދާރުން މާކެޓުގައި ހަރަކާތްތެރިވުމަށް ހިތްވަރު ލިބި، ހިއްސާ ވިއްކުމުގެ ހަރަކާތްތައް އިތުރުވެއްޖެ ކަމަށާއި، އާ އިންވެސްޓަރުންނަށް، ހާއްސަކޮށް ޒުވާނުންނަށް މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ކުޑަވެ، ގިނަ ބަޔަކަށް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެން ހިނގައްޖެ ކަމަށް، ބީއެމްއެލުން ދެކެ އެވެ.
މި ކުރިއެރުމާ ގުޅޭގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ގްރޫޕް ސީއީއޯ އައުޝަން ލަތީފު ވިދާޅުވީ ފަހުގެ ޑޭޓާތަކުން ދައްކާގޮތުގައި މި ނިންމުމުގެ ސަބަބުން ދިގު މުއްދަތަށް އިންވެސްޓްކޮށްފައިތިބި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށެެވެ
ބީއެމެއެލް އޭޖީއެމްއަށްފަހު މާކެޓުގެ ތަފާސްހިސާބުތަކުން ފެނުނީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓަށް އައި މުހިންމު ބަދަލެކެވެ. މާކެޓް ކެޕިޓަލައިޒޭޝަނަށް އައި ބޮޑު ކުރިއެރުމާއި، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވުމަކީ، ހަރުދަނާކަމާއެކު ތަންފީޒުކުރެވޭ ކޯޕަރޭޓް ނިންމުންތަކުގެ ސަބަބުން މާކެޓަށް އަތުވެދާނެ ބޮޑު ބަދަލުތަކުގެ ހެއްކެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;